ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 02:41
ޓުއާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ޓުއާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ފުރަތަމަ މެޗުން ޕީއެސްޖީއަށް ހަނި މޮޅެއް
 
ޓުއާ އަތުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ދެން ޕީއެސްޖީ ނުކުންނާނީ ސްޓްރަސްބޯގާ ދެކޮޅަށް

ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓުވި ޓުއާ އަތުން ހަނިގޮތަކަށް ޕީއެސްޖީ މޮޅުވެއްޖެއެވެ.

މި ސީޒަނުގެ ފްރެންޗް ލީގުގެ ކުޅުން ހުކުރު ދުވަހުގެރޭ ފެށިއިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ޓުއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ޑިލާން ޝޯމްބޯސްޓް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވާލިދު އެލް ހަޖަމެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ޕީއެސްޖީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަންޑަ ހެރޭރާ ދިން ބޯޅަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ. މި މެޗުގައި ހަކީމީ ލަނޑު ޖެހިއިރު، މި މެޗަކީ އިންޓަ މިލާން ދޫކޮށް 60 މިލިޔަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވި ހަކީމީ ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

އެ ލަނޑުގެ ފަހުންވެސް ޕީއެސްޖީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ފަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އޭރިއާ ތެރެއިން ކީލިއަން އެމްބާޕޭ ދިން ޕާހަކުން މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ.

މި ސީޒަނުގެ ފްރެންޗް ލީގުގެ ކުޅުނު ފުރަތަމަ މެޗުން މައުރީސިއޯ ޕޮޗެޓީނޯގެ ޕީއެސްޖީ މޮޅުވިއިރު، އެ ޓީމަށް މިދިޔަ ސީޒަނުގެ ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބުކުރީ ލިލްއިންނެވެ. ލިލްއިން ވަނީ ދާދި ފަހުން ކުޅުނު ފްރެންޗް ސުޕަ ކަޕް މެޗުންވެސް ޕީއެސްޖީ ބަލިކޮށްފައެވެ.

ލީގުގެ ފުރަތަމަ މެޗުން ޕީއެސްޖީ ހަނިގޮތަކަށް މޮޅުވިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ ސްޓްރަސްބޯގާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް