ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 00:27
ލައުކް ސްކޭޓް ކުރަމުން ދަނިކޮށް
ލައުކް ސްކޭޓް ކުރަމުން ދަނިކޮށް
މިހާރު
ޔޫސުފް ލައުކް ބިން މުހައްމަދު
އުމުރުން 10 އަހަރުގެ ލައުކް ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދިނުމުގެ އަޒުމުގައި
 
އެންމެ ފުރަތަމަ މުބާރާތުންވެސް ހުނަރު ދައްކުވައިދިން
 
ލައުކްގެ އުންމީދަކީ ގައުމަށް ރަން މެޑެއްޔެއް ހޯދައިދިނުން

އުމުރުން 10 އަހަރުގެ ޔޫސުފް ލައުކް ބިން މުހައްމަދަކީ ސްކޭޓިންގެ ރާއްޖޭގެ ކުރިމަގެވެ. ރެޑްބުލް ސްކޭޓް ޕާކުގައި އޭނާ ދައްކަމުންދާ ހުނަރަށް ތައުރީފު ނުކުރާ މީހަކު ނުހުންނާނެކަން ކަށަވަރެވެ. އުމުރުން ހަގު ނަމަވެސް ބޮޑެތި މީހުންނަށް ދޫނުދީ އޭނާ ހުނަރު އިތުރަށް ކުރިއަރުވަން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރެއެވެ.

ލައުކް އެންމެ ފުރަތަމަ ސްކޭޓް ކުރަން ފެށީ، އޭނާގެ ބޭބެ ދިން ކުޑަ ސްކޭޓް ބޯޑެއްގައެވެ. އޭއީ ލައުކްގެ އުމުރުން އެންމެ ފަސް އަހަރުގައެވެ. އޭރު ސްކޭޓް ބޯޑު މަތީ ކޮޅަށް ހުރެ ދުއްވަން ނޭނގުމުން އޭނާ ސްކޭޓް ކުރަނީ ވެލައެއް ހެން ސްކޭޓް ބޯޑުގައި އޮށޯވެއޮވެއެވެ.

ސްކޭޓިންގައި ލައުކްގެ ކުރިމަގަށް ވެގެންދިޔައީ އުމުރުން ހަތް އަހަރުގައި އޭނާއަށް ލިބުނު "ޕެނީ" ބޯޑެވެ. ޕެނީ ބޯޑު ލިބިގެންވެސް އެންމެ ފުރަތަމަ ލައުކް ސްކޭޓް ކުރީ އޭނާގެ ގޭގައެވެ. އެކަމަކު އެއް ދުވަހު ރެޑްބުލް ސްކޭޓް ޕާކަށް ދިޔަ ދިޔުންވީ އޭނާގެ ކުރިމަގުގެ ބިންގަލަށެވެ. އަދި ލައުކް މަންމަ އާއި ބައްޕަގެ ރަހުމަތްތެރިއެއް ކަމަށްވާ "އިއްބެ" އަކީ ލައުކްގެ ފުރަތަމަ ކޯޗެވެ. އަދި އެއީ ލައުކްއަށް ޕްރޮފެޝަނަލް ލެވަލްގައި ސްކޭޓް ކުރަން ފެށުމުގެ އަސްލެވެ.

މީގެ އިތުރުން ލައުކްއަށް ސްކޭޓިންގގެ އެންމެ މުހިންމު ގަވައިދުތައް ކިޔައިދިނީ އާދަމް ނަބީޙް (ސްކޭޓް ބޭބެ) ކަމަށާއި، ސްކޭޓް ބޭބެގެ އިރުޝާދު މިކަމުން ކުރިޔަށް ދިޔުމަށް އަބަދުވެސް ލިބެމުން އަންނަ ކަމަށް ލައުކް ބުނެއެވެ.

ރެޑްބުލް ޕާކުގައި ލައުކް އެންމެ ފުރަތަމަ ދުއްވި ސްކޭޓް ބޯޑަކީ އިއްބެގެ "ކާވާ" ސްކޭޓް ބޯޑެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލައުކް ވަނީ ކާވާ ބޯޑުން އޭނާގެ ހުނަރުން ސްކޭޓް ޕާކަށް ސްކޭޓް ކުރަންދާ މީހުން އާސޯޚު ކޮށްލައިފައެވެ. އޭރުވެސް ބޮޑެތި ރޭމްޕްތަކަށް އަރާ ސްޓަންޓް ހަދަން ލައުކްއަށް އުނދަގުލެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދާއިއެކު ލައުކް

ލައުކްގެ އެންމެ ފުރަތަމަ މުބާރާތަކީ، ރެޑްބުލްއިން ބޭއްވި މުބާރާތެކެވެ. އެއީ އޭނާގެ އުމުރުން އެންމެ ހަތް އަހަރުގައެވެ. އަދި އެ މުބާރާތުގެ އެންމެ ހަގު ބައިވެރިއަކީވެސް ލައުކްއެވެ.

ލައުކް ފާހަގަ ކުރާ ގޮތުގައި މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުގެ ތެރެއިން އެންމެ ކާމިޔާބު މުބާރާތަކީ އޯކާ ޖޭމް ކޮމްޕެޓިޝަންއެކެވެ. އެ މުބާރާތުގެ އެއްވަނަ ލައުކް ވަނީ ހޯދާފައެވެ.

ސްކޭޓްއަކީ އެކްސްޓްރީމް ކުޅިވަރެއްކަން ލައުކް ފާހަގަ ކުރާއިރު، ބައެއް ކަހަލަ ކުދިކުދި އަނިޔާ ލިބޭކަމަށް ލައުކް ބުންޏެވެ. ޚާއްސަކޮށް ތެޔޮހަން ދިޔުމުން ވަރަށް ތަދުވާ ކަމަށް ބުންޏެވެ.

ސްކޭޓިންގ އިން ކުރިޔަށް ދިއުމަށް ކެތްމަދުވެފައި ހުރި ލައުކްގެ އުންމީދަކީ މުޅި ދުނިޔެ ބަލައިގަންނަ ޕްރޯ ސްކޭޓަރއަކަށްވެ އަމިއްލަ ފަސްގަނޑަށް ރަން މެޑައްޔެއް ހޯދައިދިނުމެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަ ކުރަން ބޭނުންވާ ކަމަށް ލައުކް ބުންޏެވެ.

ސްކޭޓިންގއިން ކުރިޔަށް ދިޔުމަށް އެންމެ ބޮޑު ހިތްވަރެއް ލައުކްއަށްދީ ހަދަނީ އޭނާގެ މަންމަ އާއި ބައްޕައެވެ. ލައުކް ބުނީ މަންމަ އާއި ބައްޕަ އަބަދުވެސް ހިތްވަރު އެލުވާނުލާ ކުރިޔަށް ދިޔުމަށް ނަސޭހަތްތެރިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ތައުލީމު ހާސިލްކުރަމުންދާ ރެހެންދި ސްކޫލްގެ ޕްރިންސިޕަލާއި، ލީޑިން ޓީޗަރުންނާއި، ޓީޗަރުންގެ އިތުރުން ރަހުމަތްތެރިންގެ އެހީ ލައުކް ފާހަގަކުރިއެވެ. އަދި މޯލްޑިވްސް ސްކޭޓް އެސޯސިއޭޝަންގެ ފަރާތުން ވެދެމުން އަންނަ އެހީއަށް ލައުކް ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖެ އެމްވީއިން އެދެނީ ސްކޭޓިންގައި ލައުކްއަށް އިތުރު ކުރިއެރުންތަކެއް ލިބި، ގައުމަށް ރީތި ނަން ހޯދައިދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
5%
86%
5%
5%
0%
0%
ކޮމެންޓް
9 އޯގަސްޓް 2021 | ހޯމަ 00:37
ޖަހަންގީރު
ޜެޑް ބުލް އެނާޖީ ޑްރިންކް އިސްތިހާރު ނުކޮށް ތިކަން ކުރުން ރަނގަޅު! ތިފަދަ އެނާޖީ ޑްރިންކް އަކީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ތަކެތި. ޚާއްސަކޮށް ކުޑަކުދިންނަށް. . ޅައުކް އަށް ތިކުަޅިވަރުގަ ކާމިޔާބަށް އެދެން..