ޓޮޓެންހަމް ހޮޓްސްޕާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ނުހަދާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
އުމުރުން 28 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ފުޓްބޯޅައިގެ އެންމެ ބޮޑު ޓްރޮފީތައް ހޯދުމަށް ބޭނުންވާތީ ޓޮޓެންހަމް ދޫކޮށްލަން ކޭން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެއާއެކު ކޭން ހޯދަން މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އޭނާ ހޯދުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ދާދި ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ކޭން ތިން ހަފުތާގެ ޗުއްޓީއަކަށް ދިޔައިރު، މިދިޔަ ހަފުތާގެ ހޯމަ ދުވަހަކީ ކޭން ޓޮޓެންހަމުގެ ފަރިތަކުރުންތަކަށް ނުކުންނަން ޖެހޭ ދުވަސް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެކަމަކު މިހާތަނަށްވެސް ޓޮޓެންހަމުގެ ފަރިތަކުރުންތަކުގައި ކޭން ބައިވެރިވެފައެއް ނުވެއެވެ. އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފަރިތަކުރުންތަކުގައި ބައިވެރިވާން ކޭން ބޭނުން ނުވަނީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާތީއެވެ.
އެކަމަކު ހުކުރު ދުވަހު ޓްވިޓާގައި ހިއްސާކުރި ބަޔާނެއްގައި ކޭން ބުނެފައިވަނީ ފަރިތަކުރުންތަކަށް ނުކުންނަން އެއްވެސް އިރެއްގައި ދެކޮޅު ހަދާފައިނުވާނެ ކަމަށެވެ. އަދި މީގެ ކުރިން ރާވާފައި އޮތް ގޮތަށް، ހޮނިހިރު ދުވަހު ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ޓޮޓެންހަމުގެ ފަރިތަކުރުންތަކަށް ކޭން ނުކުންނައިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ކަންކަމަށް ވިސްނުމަށްވުރެ، ސިޓީން ފޯކަސް ކުރަނީ ކޭންގެ ޓްރާންސްފާގެ ކަންތައްތަކަށް ކަމަށް ބުނެފައެވެ. އަދި ޓޮޓެންހަމުން މަޝްވަރާކުރަން ތައްޔާރުނަމަ، އެކަން ކުރިއަށް ގެންދަން ތައްޔާރަށް ތިބި ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފަހަރުގެ ޓްރާންސްފާގައި ކޭން ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް ބެލެވުނުއިރު، 2011 ވަނަ އަހަރު ޓޮޓެންހަމުގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭނަށް މިހާތަނަށް ޓޮޓެންހަމާއެކު ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެކަމަކު އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 2014-2015 އަދި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކުޅެފައެވެ. އަދި ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 336 މެޗުގައި 221 ލަނޑު ޖަހާފައެވެ.