ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 17:04
ބާސެލޯނާއަށް ކުޅެމުން އައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ
ބާސެލޯނާއަށް ކުޅެމުން އައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
މެސީ ޕީއެސްޖީއަށް ބަދަލުވުން
މެސީ ޕީއެސްޖީއަށް ސޮއިކުރަނީ؟
 
މެސީ ދޫކޮށްލަން ބާސެލޯނާއިން ނިންމީ ގޮތެއް ނެތުމުން
 
ޕީއެސްޖީއާއެކު މެސީ ތިން އަހަރުގެ އެއްބަސްވުމެއް ހަދާނެ

ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވާން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެކަމަކު 50 އިންސައްތަ މުސާރަ ކުޑަކޮށް އައު އެއްބަސްވުމުގައި ސޮއިކުރަން މެސީ މީގެ ކުރިން ނިންމި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް އޭރު ރިޕޯޓުކުރިއެވެ.

އެކަމަކު ދާދި ފަހުން ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް މައްސަލަތަކެއް ކުރިމަތިވީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް މި ވަގުތު ނެތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މެސީ ދޫކޮށްލަން ބާސާއިން ނިންމިއިރު، އޭނާގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ އިތުރުން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ވަނީ ސިޓީގެ ޕްލޭންގައި މެސީ ނުހިމެނޭ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ މިހާރު ވަނީ ޕީއެސްޖީއާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައެވެ. އަދި ޕީއެސްޖީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ޚިލާފުނުވެ، މެސީގެ ޓްރާންސްފާ ކަންތައްތައް ފުރިހަމަ ކުރުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މެސީ ޕީއެސްޖީއާ ގުޅޭނެ ކަމަށް ބެލެވޭއިރު، އެ ކުލަބުން ވަނީ މި ޓްރާންސްފާ ބާޒާރުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި، ލިވަޕޫލުގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އަދި ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ ސޮއިވެސް ހޯދާފައެވެ. ދެން އެ ޓީމުން މި ޓްރާންސްފާގައި ސޮއި ހޯދި ކުޅުންތެރިއަކީ 60 މިލިޔަން ޔޫރޯ ޚަރަދުކޮށް ގެނައި އިންޓަ މިލާނުގެ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ.

ޅަ އުމުރުގައި ބާސާއާ ގުޅުނު މެސީ އެ ޓީމު ދޫކޮށްލާއިރު، ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ އެ ޓީމުގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން ބާސާއަށް ކުޅެދިން 778 މެޗުގައި މެސީ 672 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
67%
0%
0%
0%
33%
ކޮމެންޓް