ކ. މާލެ
|
6 އޯގަސްޓް 2021 | ހުކުރު 21:05
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
މެސީ ހޯދަން މަސައްކަތްކުރުން
ސިޓީގެ ޕްލޭންގައި މެސީ ނުހިމެނޭ: ގާޑިއޯލާ
 
މެސީ ދިޔުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީއަށް

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ޕްލޭންގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނުހިމެނޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެހެންކަމުން މި ވަގުތު އޭނާއަކީ އެއްވެސް ކުލަބެއްގެ ކުޅުންތެރިއެއް ނޫނެވެ. މިއީ 2000 ވަނަ އަހަރު ޅަ އުމުރުގައި ބާސާއަށް ބަދަލުވި ފަހުން މެސީއަށް ބާސާގެ އެއްބަސްވުމެއް ނެތި ދިޔަ ފުރަތަމަ ފަހަރެވެ.

ބާސާއިން މެސީގެ އެއްބަސްވުން އައު ނުކުރެވޭނެކަން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައިވާއިރު، މެސީ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ސިޓީންވެސް މެސީ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު ސިޓީން ބުރާސްފަތި ދުވަހު އިންގްލެންޑްގެ މިޑްފިލްޑަރު ޖެކް ގްރީލިޝްގެ ސޮއި ވަނީ ހޯދާފައެވެ. އެއާއިއެކު ގާޑިއޯލާ ބުނީ ސިޓީގެ ޓާގެޓަކަށް މިފަހަރުގެ ޓްރާންސްފަރ މާކެޓުގައިވީ ގްރީލިޝް ކަމަށާއި، އޭނާގެ ސޮއި ސިޓީން ވަނީ ހޯދާފައި ކަމަށެވެ. އަދި ގްރީލިޝް ސިޓީގައި ކުޅޭނީ 10 ނަމްބަރު ޖާޒީ ލައިގެން ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގެ ޕްލޭންގައި މެސީ ނުހިމެނޭ ކަމަށެވެ.

ސިޓީން ގްރީލިޝްގެ ސޮއި ހޯދިއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވަނީ ވިލާގެ އެއްބެސްވުން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އާކޮށްފައެވެ. އެހެންކަމުން ގްރީލިޝް ގަތުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 34 އަހަރުގެ މެސީ ދިޔުން އެންމެ ގާތީ ފްރާންސްގެ ގަދަ ބާރު ކަމަށްވާ ޕީއެސްޖީއަށެވެ. އަދި ޕީއެސްޖީން މިހާރު އަންނަނީ މެސީ އެޓީމަށް ގެންދިޔުމުގެ މަޝްވަރާ ފަށާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން މެސީ ބާސާ ދޫކޮށްލާއިރު، ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން ބާސާއަށް ކުޅެދިން 778 މެޗުގައި މެސީ 672 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
33%
0%
33%
0%
0%
ކޮމެންޓް