ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ހިންގާފައިނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެކަން ގަބޫލުނުކުރެވޭ ކަމަށް "މޭ ހަޔެއް" ކޮމިޓީން ބުނެފިއެވެެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި "މޭ ހަޔެއް" ކޮމިޓީގެ މަސައްކަތްތަކާއި ތަހުގީގު ކުރިއަށްދާ ގޮތާ މެދު މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ. ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމުކޮށްފައިވާ ބައެއް މައުލޫމާތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައިވެއެވެ.
އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ނުހިނގާ ކަމަށާއި ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށާއި، ފަންޑުކުރި މީހުންނާ ހަމައަށް ވާސިލް ނުވަނީސް މިއީ ފުރިހަމަ ތަހުގީގެއް ކަމަށް އެއްވެސް ރައްޔިތެއް ގަބޫލުނުކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ ބޮންޑޭގެ ވާހަކަތަކަށް ތާއިދުކޮށް ވާހަކަދައްކަވާފައެވެ. ވައްޑެ ވިދާޅުވީ ފައިސާގެ މުއާމަލާތެއް ނުހިނގާ މޭރުމުން ފުލުހުން ވާހަކަދެއްކެވުމުން އެކަމާ ކަންބޮޑުވެލައްވާ ކަމަށެވެ.
ބ. ދަރަވަންދޫއިން ހައްޔަރުކުރި ލ. ގަން، ދުންފުނިއުފާ، 23 އަހަރުގެ އަހުމަދު ފާތިހަށް ހެއްކެއް ނެތުމުން ދައުވާނުކުރަން ނިންމާފައިވާ ނިންމުމަށް ވެސް ބައެއް މެމްބަރުން ކަންބޮޑުވުންފާޅުކުރައްވާފައިވެއެވެ. ފާތިހުގެ މައްޗަށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ބުނެ ދޫކޮށްލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ދައުވާ ނުކޮށް ދޫކޮށްލާ ސަބަބު ސާފުކޮށްދިނުމަށް ބައެއް މެމްބަރުން ގޮވާލައްވާފައިވެއެވެ.
ހަމަލާއަށް ފަންޑުކުރި ބަޔަކު ތިބޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވާތީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ބުރާސްފަތި ދުވަހު ފުލުހުންނާ ބައްދަލުކޮށް ތަހުގީގު ކުރިއަށްދާ ގޮތާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަފީފު ވިދާޅުވީ ފައިސާގެ މުއާމަލާތް ހިންގާފައިވާ ގޮތް ބަލައި ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައި ނުވާ ކަމަށް ނުނިންމާ ކަމަށާއި، ރައްޔިތުން ގަބޫލުކުރާ ފަދަ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން އަހުމަދު ފާތިހް މޮނީޓަރކުރާނެ ކަމާމެދު ބައެއް މެމްބަރުން ސުވާލުއުފައްދަވާފައިވާތީ އެކަމަށް އިޝާރާތްކުރައްވައި އަފީފު ވިދާޅުވީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން މޮނީޓަރކުރުމަށް ފައިގައި އަޅުވާ މޮނިކޮން ޓެގް ހުސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް މިހާރު މޮނިކޮން އަމުރު ނެރެފައިވާ މީހުން މޮނީޓަރކުރުމުގެ އެންމެހައި މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އަފީފު ވިދާޅުވިއެވެ.
މޮނިކޮން ޓެގް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ 100 ޓެގް ހޯދުމަށް އެއް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މިވަގުތު ބަޖެޓުން އެ އަދަދު ދޫކުރެވެން ނެތް ނަމަވެސް ކޮންޓިންޖެންސީ ބަޖެޓުން އެވަރުގެ އަދަދެއް ދޫކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އެ އަދަދު ދޫކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދަންނަވާނެ ކަމަށް އަފީފު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ހިންގާފައިނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެކަން ގަބޫލުނުކުރެވޭ ކަމަށް "މޭ ހަޔެއް" ކޮމިޓީން ބުނެފައިވާއިރު، 25 ޖުލައި ވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު ވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ޑިފެންސް މިނިސްޓަރަށް ލިބިވަޑައިގެންނެވި މައުލޫމާތާއި، ރައީސް ނަޝީދަށް ދިން ހަމަލާއާ ސީދާ ގޮތުން ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ހަމަލާގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވިކަން ތަހުގީގަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މިކަމާގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން މިނިސްޓަރު މާރިޔާއަށް ލިބިވަޑައިގެންނެވި މައުލޫމާތާއި މެއި 6 ގައި ދިން ހަމަލާއާ ސީދާ ގޮތުން ގުޅުމެއް ވާކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ. މި މައުލޫމާތާ ގުޅިގެން ބައެއް ކަންކަން ވެރިފައި ކުރުމަށް ސީދާ ރައީސް ނަޝީދާ ސުވާލުކުރަންޖެހޭ ކަމަށާއި، ތަހުގީގަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަހެއް އަދި ލިބިފައި ނުވާކަމަށް ރިޔާޒު ފާހަގަކުރައްވާފައިވެއެވެ.