ކ. މާލެ
|
6 އޯގަސްޓް 2021 | ހުކުރު 00:22
އެސްޓަން ވިލާއަށް ކުޅެމުން އައި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
އެސްޓަން ވިލާއަށް ކުޅެމުން އައި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
ގެޓީ އިމޭޖަސް
ގްރީލިޝް ސިޓީއަށް ބަދަލުވުން
ސިޓީން ގްރީލިޝްގެ ސޮއި ހޯދައިފި
 
ގްރީލިޝް ގަތުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރި
 
ގްރީލިޝް ވަނީ ސިޓީއާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައި

އެސްޓަން ވިލާއަށް ކުޅެމުން އައި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.

ސިޓީން ސިޓީން ގްރީލިޝްގެ ސޮއި ހޯދިއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވަނީ ވިލާގެ އެއްބެސްވުން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އާކޮށްފައެވެ. އެހެންކަމުން ގްރީލިޝް ގަތުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ގްރީލިޝް ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކުން އެންމެ އަގުބޮޑުކޮށް ހޯދި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ޕްރިމިއާ ލީގުގެ ކުލަބަކުން އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދީ 2016 ވަނަ އަހަރުއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން 89 މިލިޔަން ޕައުންޑް ޚަރަދުކުރުމަށްފަހު، ޔުވެންޓަސްއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތް ޑީލެވެ.

ބުރާސްފަތި ދުވަހުގެރޭ ގްރީލިޝް ސިޓީގެ އެއްބަސްވުމުގައި ސޮއިކުރިއިރު، އޭނާ ވަނީ އެ ކުލަބާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީލިޝް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދާފައެވެ. އޭގެ ފަހުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑް ޓީމުގައިވެސް ގްރީލިޝް ހިމެނުނެވެ.

އުމުރުން އެންމެ ހަ އަހަރުގައި ވިލާއާ ގުޅުނު ގްރީލިޝް، ވިލާގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން ގްރީލިޝް ވަނީ ވިލާއަށް ކުޅެދިން 213 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފައެވެ.

ބޮޑު ޚަރަދެއް ކުރުމަށްފަހު ސިޓީން ގްރީލިޝްގެ ސޮއި ހޯދުމާއެކު، ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ހޯދުމަށް ސިޓީން ކުރަމުން އައި މަސައްކަތް ހުއްޓާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހޯދަންވެސް ސިޓީން މީގެ ކުރިން މަސައްކަތް ކޮށްފައިވާއިރު، އެ ޑީލުވެސް ދެން ކުރިއަށްނުދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް