ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 23:10
ބާސެލޯނާއަށް ކުޅެމުން އައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ
ބާސެލޯނާއަށް ކުޅެމުން އައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ބާސާއިން މެސީ ދޫކޮށްލުން
ބާސާއިން މެސީގެ އެއްބަސްވުން އާނުކުރާނެ!
 
މެސީ ދޫކޮށްލަން ބާސާއިން ނިންމީ ގޮތެއް ނެތުމުން
 
މެސީ ހޯދަން ސިޓީ އާއި ޕީއެސްޖީން މަސައްކަތްކުރޭ

އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ދޫކޮށްލަން ނިންމާފައިވާކަން ބާސެލޯނާއިން އިއުލާނުކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެހެންކަމުން މި ވަގުތު އޭނާއަކީ އެއްވެސް ކުލަބެއްގެ ކުޅުންތެރިއެއް ނޫނެވެ. މިއީ 2000 ވަނަ އަހަރު ޅަ އުމުރުގައި ބާސާއަށް ބަދަލުވި ފަހުން މެސީއަށް ބާސާގެ އެއްބަސްވުމެއް ނެތި ދިޔަ ފުރަތަމަ ފަހަރެވެ.

ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް، 50 އިންސައްތަ މުސާރަ ކުޑަކޮށް އައު އެއްބަސްވުމުގައި ސޮއިކުރަން މެސީ މީގެ ކުރިން ނިންމި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް ރިޕޯޓުކުރިއެވެ.

އެކަމަކު ބުރާސްފަތި ދުވަހުގެރޭ ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން މިއަދަކީ އައު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާ ދުވަސް ކަމަށާއި، އެކަމަކު ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ އުސޫލުތަކުގެ ތެރެއިން މި ވަގުތު އެ ކުލަބަށް މެސީގެ އެއްބަސްވުމުގެ ކަންކަން ނިންމެން ނެތް ކަމަށެވެ. އެހެންކަމުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް މި ވަގުތު ނެތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މެސީ ދޫކޮށްލަން ބާސާއިން ނިންމިއިރު، އޭނާގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި، ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން މެސީ ބާސާ ދޫކޮށްލާއިރު، ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން ބާސާއަށް ކުޅެދިން 778 މެޗުގައި މެސީ 672 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
18%
36%
27%
0%
9%
9%
ކޮމެންޓް