އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރު ބިސްމިﷲ ޚާން މުހައްމަދީގެ ގެޔަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދީފިއެވެ.
ވެރިރަށް ކާބުލްގައި ހުރި މުހައްމަދީގެ ގެޔަށް ބަޑިޖަހައި، ބޭރުގައި ޕާކު ކޮށްފައި އޮތް ކާރެއް ގޮއްވާލާފައިވަނީ މިނިސްޓަރު ގޭގައި ނޫޅުއްވާ ވަގުތެއްގައެވެ. އެ ގެ ހުންނަނީ ސަރުކާރުގެ އިމާރާތްތައް ހުންނަ ގްރީން ޒޯން ކައިރީގައި ކަމުން ހަމަލާދިންތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސްޕެޝަލް ފޯސްއިން އެތަނަށް ގޮސްފައިވާ ކަމަށް އަފްޣާން ސިފައިން ބުނެއެވެ.
އަފްޣާނުގެ ސިފައިންގެ އޮފިޝަލަކު ވިދާޅުވީ، މި ހަމަލާދިން ވަގުތު މިނިސްޓަރުގެ ގޭގައި ދިރިއުޅުއްވާ އާއިލާ މެމްބަރުން ސަލާމަތް ވެފައިވާ ކަމަށާއި، ހަމަލާ ދިން ފަސް މީހުންނާއި ސިފައިންނާމެދު ވެސް ތިން ގަޑިއިރު ވަންދެން ހަމަލާ ބަދަލުކުރެވުނު ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު މަރުވި ކަމަށް އޮފިޝަލު ވިދާޅުވިއެވެ. މި ހަމަލާގައި 20ށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މި ހަމަލާއަށްފަހު މުހައްމަދީ ވަނީ އަފްޣާނު ރައްޔިތުން ހާސް ނުވުމަށާއި، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއި އޭނާގެ އާއިލާ މެމްބަރުން ތިބީ ހެޔޮ ހާލުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މި ހަމަލާގެ ޒިންމާ އަފްޣާނިސްތާނުގެ ޠާލިބާން ޖަމާއަތުން ވަނީ ނަގާފައެވެ. އަދި އަފްޣާން ސަރުކާރުގެ ލީޑަރުންނާ ދެކޮޅަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އަފްޣާނުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާއިރު، ޠާލިބާނުން ވަނީ އަފްޣާނުގެ ގިނަ ސަރަހައްދުތަކުގެ ކޮންޓްރޯލް ނަގައިފައެވެ. އެއާއެކު ބައިނަލްއަގްވާމީ ޓެރަރިޒަމްގެ ނުރައްކާ އިތުރުވުމުގެ އިންޒާރު އަސްކަރީ އޮފިޝަލުން ވަނީ ދެއްވާފައެވެ.