ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 22:20
ތުރުކީއިން ފާޑުކިޔާފައިވަނީ އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް އެމެރިކާގައި ވަޒަންވެރިކުރުމަށް އެކުލަވާލި މަޝްރޫޢަށް
ތުރުކީއިން ފާޑުކިޔާފައިވަނީ އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް އެމެރިކާގައި ވަޒަންވެރިކުރުމަށް އެކުލަވާލި މަޝްރޫޢަށް
އޭއެފްޕީ/ގެޓީ
އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހޫނުވުން
އަފްޣާން ރައްޔިތުން އެހެން ޤައުމުތަކުގައި ވަޒަންވެރި ކުރުމާމެދު ތުރުކީގެ ބޮޑު ފާޑު ކިޔުންތަކެއް
 
20 އަހަރު ދުވަހަށްފަހު، އެމެރިކާއާއި ނޭޓޯއިން ވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށާފައި
 
އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރ ބިސްމިﷲ މުޙައްމަދީއަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވޭ
 
ޠާލިބާނުން ވަނީ، އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބެކިސްތާނާއި އީރާނަށް ދެވެން އޮންނަ މަގުތައް އެ ޖަމާޢަތުގެ ބާރުގެދަށަށް ގެނެސްފައި

އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ޤައުމުތަކުގައި ވަޒަންވެރި ކުރުމުގެ މަޝްރޫޢަށް ތުރުކީވިލާތުން ފާޑުކިޔައިފިއެވެ.

އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް އެމެރިކާގައި ވަޒަންވެރިކުރުމަށް މަޝްރޫޢެއް ވަނީ އެކުލަވާލާފައެވެ. ބިންތައް ހިފުމަށްޓަކައި އަފްޣާނިސްތާނު ސަރުކާރުގެ ސިފައިންނާއި ތާލިބާނުންނާ ދެމެދު ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން މި ވަގުތު އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނީ އަފްޣާނިސްތާނުގެ ހެރަތު ޕްރޮވިންސް ހިމެނޭ ސަރަހައްދުގައެވެ. މި ސަރަހައްދުގެ ހާލަތު ބަލައި, އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް, ހަނގުރާމަކުރުން މަނާ އަދި އދ.އިން ބަލަހައްޓަމުންދާ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް، އެންމެ ފަހުން ބަދަލުކުރެވުނު ހަމަލާތަކުގައި އިދިކޮޅުގެ ހަމަލާތަކެއް ހެރަތު ޕްރޮވިންސްގެ މިފަދަ ސަރަހައްދަކަށް އަރާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އަފްޣާނިސްތާނުގެ ކަންދަހާރު ސިޓީ ޠާލިބާނުންގެ އަތްދަށަށް ދިއުމުން, އާންމުން ސިޓީ ދޫކޮށް ފިލަންވެސް ވަނީ ފަށާއެވެ. ކަންދަހާރު ސިޓީގައި ދިރިއުޅޭ އެތައް ބަޔަކު ގެދޮރު ދޫކޮށް ފިލަން ފަށާފައިވާ އިރު، ޠާލިބާން ސިފައިން އެ ސިޓީގައި ހަރަކާތްތެރިވާން އަދި ނުފަށާ ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށާއި އެ ސިޓީއަށް ޠާލިބާން ހަނގުރާމަވެރިން އައުމަށް މާ ގިނަ ދުވަސްތަކެއް ނުނަގާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުން އެސިޓީގައި ކުދިން ސްކޫލަށް ފޮނުވުމާއި, އާންމުން ދިރިއުޅުމުގެ ކަންކަމުގައި ބޭރަށް ނުކުމެ އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ހަވާލާދީ އަލްޖަޒީރާގައި ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން އެ ސިޓީގެ ހުރިހާ ފިހާރަތަކެއް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަފްޣާނިސްތާނުގައި އެގައުމުގެ ސަރުކާރާއި ޠާލިބާނުން ހަނގުރާމަ ކުރަމުންދާތާ މިހާރު 18 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި ދާޚިލީ ހަނގުރާމާގައި އެ ގައުމުގެ އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެމެރިކާގައި ވަޒަންވެރިވުމަށް މަގުފަހިކޮށްދޭ ޚާއްސަ މަޝްރޫޢެއް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އިފްތިތާޙްކޮށްފައެވެ. އެ މަޝްރޫޢުގެ ދަށުން އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ޤައުމަކަށް ހިޖުރަކޮށް އެ ޤައުމުގައި 12 ނުވަތަ 14 މަސްދުވަހު ދިރިއުޅުމަށްފަހު އެމެރިކާގައި ވަޒަންވެރިވުމަށް އެދެވޭނެއެވެ.

އެގޮތުން ކަނޑައެޅިފައިވާ މުއްދަތު ފުރިހަމަކުރުމަށް އަފްޣާނިސްތާނުގެ އަވަށްޓެރި ޤައުމުތަކުން ހިޖުރަވެރިން ބަލައިގަތުމަށް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ. އަދި އަފްޣާނިސްތާނާ ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ބަންދުނުކޮށް ބޭއްވުމަކީ މުހިންމުކަމެއްކަމަށް އެމެރިކާއިން ބުނެއެވެ. އަފްޣާނިސްތާނުން ހިޖުރަކުރާ މީހުންނަށް އެ ޤައުމާ އިންވެގެން އޮންނަ ތަޖިކިސްތާނާއި އުޒުބަކިސްތާނާއި ތުރުކުމަނިސްތާނުން ހިމާޔަތާއި ރައްކާތެރިކަން ދެވޭނެ ގޮތްތަކާމެދު އެމެރިކާއިންވަނީ މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން އީރާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީވިލާތަށް އަފްޣާނިސްތާނުން ހިޖުރަކުރާ މީހުން ދަތުރުކުރާނެކަމަށްވެސްވަނީ ބެލެވިފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޚިޔާލު ފާޅުކޮށް ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުން ހިޖުރަކުރާ މީހުންނަށް ތުރުކީވިލާތުން ހިމާޔަތް ނުދެވޭނެކަމަށެވެ. އަދި މިހާރުވެސް ތުރުކީވިލާތުން 4 މިލިޔަން މީހުންނަށް ހިމާޔަތް ދެމުންދާކަމަށާއި, އިތުރު ބަޔަކަށް އެހީތެރިވުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. ތުރުކީވިލާތުން ބުނެފައިވަނީ އެމެރިކާއިން ނިންމާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްކަމަށާއި އެއީ ހިޖުރަވެރިންގެ އިތުރު ކާރިޘާއެއް އުފެދޭނެފަދަ ނިންމުމެއްކަމަށެވެ.

އެމެރިކާގެ ހިޔާވަހިކަން އަފްޣާން ރައްޔިތުންނަށް ދީފައިވާއިރު، ފާއިތުވި ހަފުތާތަކުގައި އެކަނިވެސް އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކުވަނީ ތުރުކީވިލާތަށް ހިޖުރަކޮށްފައެވެ. ހަމަލާތައް ވަރުގަދަވެ, އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރ ބިސްމިﷲ މުޙައްމަދީއަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއްވެސް ވަނީ ދީފައެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޮންތަކެއް ގޮއްވާލާފައިވާއިރު މި ހަމަލާ އަމާޒުވެފައިވަނީ ކާބުލްގެ ގްރީން ޒޯނަކަށެވެ. އެ ސަރަހައްދަކީ ފޮރިން އެމްބަސީތަކާއި ސަރުކާރުގެ އޮފީސްތައް ހުންނަ ސަރަހައްދެއްކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މިހަމަލާއާ ގުޅިގެން ސީނިއަރ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވީ ހަމަލާ ދީފައިވަނީ ކާރެއް ގޮއްވާލައިގެން ކަމަށާއި ހަމަލާ އަމާޒުކޮށްފައިވަނީ ޑިފެންސް މިނިސްޓަރުގެ އިތުރުން ޕާލިމަންޓުގައި ހިމެނިވަޑައިންނަވާ މެންބަރެއްގެ ގެކޮޅަށް ކަމަށެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު (ނޭޓޯ)އިން ވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބާފައެވެ. އަދި މި އޮގަސްޓު މަސް ނިމުމުގެ ކުރިން އެމެރިކާގެ ސިފައިން ވެސް ވަނީ އެގައުމުން ފޭބުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު ވެސް ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައެވެ. އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން މިހާރު ޙަރަކާތްތެރިވަނީ ވެރިރަށް ކާބުލްގެ އިތުރުން އެ ގައުމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެކަންޏެވެ.

ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖަކިސްތާނާއި އުޒުބެކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަހައްދީ ރޮނގުތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރު ދަށުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް