ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 19:23
އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
ގެޓީ އިމޭޖަސް
ގްރީލިޝް ސިޓީއަށް ބަދަލުވުން
ސިޓީން ގްރީލިޝްގެ ސޮއި ހޯދުމާ ގާތަށް
 
ގްރީލިޝް ގަންނަން ސިޓީން ވަނީ 100 މިލިޔަން ޕައުންޑް ހުށަހަޅާފައި
 
ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން ގްރީލިޝް ސިޓީއާ ގުޅުމުގެ ފުރުސަތު ބޮޑު

މެންޗެސްޓާ ސިޓީން އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝްގެ ސޮއި ހޯދުމާއި ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގްރީލިޝް ހޯދުމަށް މިދިޔަ އަހަރު އެ ޓީމުގެ މެނޭޖުމަންޓުގައި އެދެފައެވެ. އެއާއެކު ގްރީލިޝް ގަތުމުގެ މަސައްކަތް ސިޓީން ފެށިއިރު، ހޮނިހިރު ދުވަހުގެ ވަގުތެއްގައި ސިޓީން 100 މިލިޔަން ޕައުންޑް ހުށަހަޅާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދަން މަސައްކަތް ކުރާ ފަހަރެވެ. މީގެ ކުރިން ޕްރިމިއާ ލީގުގެ ކުލަބަކުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދީ 2016 ވަނަ އަހަރުއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން 89 މިލިޔަން ޕައުންޑް ޚަރަދުކުރުމަށްފަހު، ޔުވެންޓަސްއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތް ޑީލެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ބިޑް ބަލައިގަންނަން ވިލާއިން މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން މި މަހުގެ ހަތްވަނަ ދުވަހު ސިޓީން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގެ ކުރިން ގްރީލިޝް އެ ޓީމާ ގުޅުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މި ޓްރާންސްފާގައި ގްރީލިޝް ސިޓީއަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވިލާގެ އެއްބެސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ. އެހެންކަމުން ގްރީލިޝްގެ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީލިޝް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދާފައެވެ. އޭގެ ފަހުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑް ޓީމުގައިވެސް ގްރީލިޝް ހިމެނުނެވެ.

އުމުރުން އެންމެ ހަ އަހަރުގައި ވިލާއާ ގުޅުނު ގްރީލިޝް، ވިލާގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން ގްރީލިޝް ވަނީ މިހާތަނަށް ވިލާއަށް ކުޅެދިން 213 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީން ގްރީލިޝްގެ ސޮއި ހޯދުމާ ގާތަށް ގޮސްފައިވާއިރު، އެ ޓީމުން އަންނަނީ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ ސޮއި ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. ކޭން ގަންނަންވެސް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނާއިރު، ގްރީލިޝްގެ ސޮއި ލިބެއްޖެނަމަ، ކޭންގެ ޑީލް ސިޓީން ކުރިއަށް ނުގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް