ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 17:59
މިދިޔަ އަހަރު ބޭއްވި ރަމަޟާން ކްރިކެޓް ކާނިވަލުގެ ތެރެއިން
މިދިޔަ އަހަރު ބޭއްވި ރަމަޟާން ކްރިކެޓް ކާނިވަލުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ކުޅުންތެރިން ވެކްސިން ޖެހުން
ކްރިކެޓް މުބާރާތްތަކުގައި ބައިވެރިވެވޭނީ 90 އިންސައްތަ ކުޅުންތެރިން ވެކްސިން ޖަހައިގެން
 
މިހާތަނަށް މި އަހަރު ކްރިކެޓުގެ އެއްވެސް މުބާރާތެއް ބާއްވާފައެއް ނުވޭ
 
ކްރިކެޓުގެ ހަރަކާތައް ފެށުމަށް މި އަހަރުގެ ކަލަންޑަރު ވަނީ ތައްޔާރުކޮށްފައި

މި އަހަރު މާލޭގައި ބާއްވާ ކްރިކެޓް މުބާރާތްތަކުގައި ބައިވެރިވެވޭނީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 90 އިންސައްތަ ވެކްސިން ޖަހާފައިވާ ޓީމުތަކަށް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކްރިކެޓް ބޯޑުން އަދި މިހާތަނަށް މި އަހަރު އެއްވެސް މުބާރާތެއް ބާއްވާފައެއް ނުވެއެވެ. ބުދަ ދުވަހު ކްރިކެޓް ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ކްރިކެޓުގެ ހަރަކާތައް ފެށުމަށްޓަކައި މި އަހަރުގެ ކަލަންޑަރު ތައްޔާރުކުރެވި، ޓީ20 ޕްރިމިއާ ލީގާއި، ރަމަޟާން ކްރިކެޓް ކާނިވަލް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމަކު މި ދަނޑިވަޅުގައި އެންމެ އިސްކަމެއްދެނީ ކުޅުންތެރިންނާއި، އެ ބޯޑުގައި އެކި ގޮތްގޮތުން މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން އެހެން ކުޅިވަރުތަކެކޭ އެއްފަދައިން ކްރިކެޓުގެ ހަރަކާތްތައް ފެށުންވެސް ބިނާވެފައިވަނީ މި ބަލިމަޑުކަމުން ރަނގަޅުވުމަށް އެންމެން ގުޅިގެންކުރެވޭ މަސައްކަތްތަކުން އަވަސް ނަތީޖާތަކެއް ލިބިގެން ކަމަށާއި، އެ ކަމުގައި ކުރެވޭ ގައުމީ ފެންވަރުގެ ހުރިހާ ކަމެއްގައި ކްރިކެޓް ބޯޑުގެ މެންބަރުންނާއި، ކްރިކެޓް ކުޅޭ ހުރިހާ ކުޅުންތެރިންގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ގޮތުން ކޮވިޑުން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން، މި އަހަރު އެ ބޯޑުން މާލޭގައި ހިނގާ ހަރަކާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން 18 އަހަރުން މަތީގެ 90 އިންސައްތަ ކުޅުންތެރިންނަކީ ވެކްސިން ޖަހާފައިވާ ކުޅުންތެރިން ކަމުގައި ވާންޖެހޭނެ ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފައެވެ. އެހެންކަމުން އެ މުބާރާތްތަކަށް ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު، އެކަމަށް ސަމާލުކަން ދިނުމަށް ކްރިކެޓް ބޯޑުން ވަނީ އެދެފައެވެ.

މި އަހަރު ކްރިކެޓުގެ އެއްވެސް މުބާރާތެއް ބާއްވާފައި ނުވާއިރު، ކްރިކެޓް ބޯޑުން އެންމެ ފަހުން ބޭއްވި މުބާރާތަކީ މިދިޔަ އަހަރުގެ ކްރިކެޓް ކާނިވަލެވެ. އެ ކާނިވަލުގައި ތިން މުބާރާތެއް ކުޅޭއިރު، މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ވަނީ އޯޕަން މުބާރާތާއި އޮފީސް މުބާރާތުގެ ކުޅުން ނިންމާލާފައެވެ. އެކަމަކު ކޮމްޕެނީ މުބާރާތުގެ ތެރެއިން ކްރިކެޓް ކާނިވަލް މެދުކަނޑާލަން ޖެހުނެވެ.

މީގެ ކުރިން "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުނާޒް ވިދާޅުވީ ކޮމްޕެނީ މުބާރާތަކީ ބޮޑު އަގު ދީގެން ބާއްވާ މުބާރާތަކަށް ވުމާއެކު، އެ މުބާރާތް ކެންސަލް ކުރަން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން މުބާރާތުގެ ފޯމެޓް ބަދަލުކޮށް، ދެ ދުވަހުގެ މުބާރާތަކަށް އެ މުބާރާތް ބަދަލުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި މުބާރާތުގެ ފޯމެޓް ބަދަލުކުރި ނަމަވެސް، މުބާރާތުގެ ކުޅުން އަލުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބުމުން ކަމަށްވެސް މުނާޒް ވަނީ ވިދާޅުވެފައެވެ.

ކޮމްޕެނީ މުބާރާތުގެ މެދުތެރެއިން ކުޅުން މެދުކަނޑާލިއިރު، މި ދިޔަ އަހަރުގެ މުބާރާތުގައި 14 ޓީމެއް ވަނީ ބައިވެރިވެފައެވެ. މީގެ ކުރިން ތާވަލުކޮށްފައި އޮތް ގޮތުން މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ސެމީ ފައިނަލަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމު ދަތުރުކުރާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ ތިން ގުރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ހަތަރުވަނަ ޓީމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް