ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 17:13
ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ
ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ
ގެޓީ އިމޭޖަސް
ފަބީނިއޯ އެއްބަސްވުން އާކުރުން
ލިވަޕޫލުގެ އެއްބަސްވުން ފަބީނިއޯ އާކޮށްފި
 
ފަބީނިއޯ ލިވަޕޫލާ ގުޅުނީ 2018 ވަނަ އަހަރު މޮނާކޯއިން
 
2026 ވަނަ އަހަރުގެ ނިޔަލަށް ފަބީނިއޯ ލިވަޕޫލުގައި މަޑުކުރާނެ

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އާކޮށްފިއެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ލިވަޕޫލާ ގުޅުނީ 2018 ވަނަ އަހަރު މޮނާކޯ ދޫކޮށް 39 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެ ފަހަރު ފަބީނިއޯ ވަނީ ލިވަޕޫލާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދާފައެވެ.

އަންގާރަ ދުވަހުގެރޭ ލިވަޕޫލުން ވަނީ ފަބީނިއޯ އެ ކުލަބުގެ އެއްބަސްވުން އާކުރިކަން އިއުލާން ކޮށްފައެވެ. މި ފަހަރުވެސް އޭނާ ވަނީ ލިވަޕޫލާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އައު އެއްބަސްވުމާއެކު 2026 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ފަބީނިއޯ ލިވަޕޫލުގައި މަޑުކުރާނެއެވެ.

ފަބީނިއޯ ވަނީ އޭނާގެ ކެރިއަރުގައި ޑިފެންޑަރެއްގެ މަގާމަށްވެސް ކުޅެފައެވެ. އެހެން ނަމަވެސް އޭނާ ފާހަގަކުރެވިފައިވަނީ މޮޅު ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައެވެ. އެއްބަސްވުން އާކުރުމަށްފަހު ފަބީނިއޯ ބުނީ އޭނާ ބޭނުންވަނީ ލިވަޕޫލުގައި ދިގު މުއްދަތަކަށް މަޑުކުރުމަށް ކަމަށާއި، މިދިޔަ ތިން ސީޒަނަކީ އޭނާގެ ކެރިއަރުގައި އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ލިވަޕޫލުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް އޭނާއަށް ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މޮނާކޯގައި މީގެ ކުރިން މޮޅު ކުޅުމެއް ދެއްކި ފަބީނިއޯއަކީ މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެވެ. އެގޮތުން ލިވަޕޫލަށް ފަބީނިއޯ މިހާތަނަށް 122 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުގެ އެއްބަސްވުން ފަބީނިއޯ އާކުރިއިރު، ދާދި ފަހުން އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑުވެސް ވަނީ އެއްބަސްވުން ދިގު މުއްދަތަކަށް އާކޮށްފައެވެ. އަދި ލިވަޕޫލުގައި މި ވަގުތު ތިބި ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އާކުރަން އެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް