ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 15:24
ނެދަލެންޑްސްގެ ކޯޗުގެ މަގާމާ އަލުން ހަވާލުވި ކޯޗު ލުއީ ވެން ހާލް
ނެދަލެންޑްސްގެ ކޯޗުގެ މަގާމާ އަލުން ހަވާލުވި ކޯޗު ލުއީ ވެން ހާލް
ގެޓީ އިމޭޖަސް
ވެން ހާލް ނެދަލެންޑްސްއާ ހަވާލުވުން
ނެދަލެންޑްސްގެ ކޯޗުކަން އަލުން ވެން ހާލަށް
 
ކޯޗުގެ މަގާމާ ވެން ހާލް ހަވާލުވީ ވޯލްޑް ކަޕުގެ ނިޔަލަށް
 
ޔޫރޯއިން ނެދަލެންޑްސް ކެޓުމާއެކު ޑި ބޮއާ ވަނީ ވަކިވެފައި

ނެދަލެންޑްސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ އެ ގައުމުގެ ތަޖުރިބާކާރު ކޯޗު ލުއީ ވެން ހާލް އަލުން ހަވާލުވެއްޖެއެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ނެދަލެންޑްސް ކެޓުމާއެކު، އެ ގައުމުގެ ކޯޗުގެ މަގާމުން ފްރޭންކް ޑި ބޮއާ ވަނީ ވަކިވެފައެވެ. އެއާއެކު ބުދަ ދުވަހު ނެދަލެންޑްސް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ ގައުމުގެ ކޯޗުގެ މަގާމާ އުމުރުން 69 އަހަރުގެ ވެން ހާލް އަލުން ހަވާލުވިކަން އިއުލާންކޮށްފައެވެ.

ނެދަލެންޑްސްގެ ކޯޗުގެ މަގާމާ ވެން ހާލް ހަވާލުވީ 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށެވެ. މިއީ ނެދަލެންޑްސްގެ ކޯޗުގެ މަގާމާ ވެން ހާލް ހަވާލުވި ތިންވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރަށް، އަދި 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ނެދަލެންޑްސްގެ ކޯޗުކަން ކޮށްފައެވެ.

ވެން ހާލް އެންމެ ފުރަތަމަ ނެދަލެންޑްސްގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭން ނިންމީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުންނެވެ. އެ ފަހަރު ނެދަލެންޑްސް އަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުނުއިރު، އެއީ 1986 ވަނަ އަހަރަށްފަހު ނެދަލެންޑްސް ނުލައި ވޯލްޑް ކަޕް ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ދެވަނަ ފަހަރަށް ނެދަލެންޑްސްއާ ހަވާލުވެ، ވެން ހާލް ވަނީ 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ނެދަލެންޑްސް ގެންގޮސްދީ، އެ މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

ނެދަލެންޑްސްގެ ކޯޗަކލަށް ވެން ހާލް ހަމަޖެއްސިއިރު، ދާދި ފަހުން އިނގިރޭސި މީޑިއާއެއް ކަމަށްވާ "މިރާ" އިން ވަނީ ވެން ހާލް ނަދެލެންޑްސް ކޯޗަކަށް ނުގެންނަން އެ ގައުމުގެ ކެޕްޓަން އަދި ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ޕްރެޝަރު ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން ވެން ޑައިކް ވަނީ މިރާ ނޫހަށް ފާޑުކިޔާފައެވެ.

ވެން ހާލް އެންމެ ފަހުން އިރުޝާދުދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެކަމަކު އެ ޓީމުގެ ކޯޗުގެ މަގާމުން 2016 ވަނަ އަހަރު ވަކިކުރި ފަހުން، އޭނާ ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް