ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލުވާލި މައްސަލާގައި ރައީސް ޔާމީނަށް އެނގޭނެ ކަމަށް ބެލެވޭ ބައެއް މައުލޫމާތު ސާފުކުރަން މަރުކޮމިޝަނުން ބޭނުންވާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ރާއްޖެ އެމްވީއަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ، ރިޟުވާންގެ މަރާ ގުޅޭ ގޮތުން އެމަނިކުފާނަށް އެނގިހުރި ކަމަށް ބެލެވޭ ކަންކަމުގެ ސުވާލުގެ ޖަވާބު ހޯދުމަށެވެ. އެގޮތުން ރިޟްވާންގެ މަރާ ގުޅުން ހުރި ވަކިވަކި ކަންކަމާބެހޭ ގޮތުން ސުވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ މި މައްސަލައިގައި އެމަނިކުފާނާ ސުވާލުކުރާ ފުރަތަމަ ފަހަރެވެ.
2014 ވަނަ އަހަރުގެ އޯގަސްޓު 8 ވަނަ ދުވަހު ރިޟުވާން ގެއްލުވާލާފައިވާއިރު، އޭނާ އުޅޭ ގޭ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންދިޔަ ކަމަށާއި، ދެން އޭނާ ކަނޑުމައްޗަށް އަރުވައި މަރާލީ ކަމަށް އެ މައްސަލަ މަރުކޮމިޝަނުން ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ހަރުކަށި ފިކުރުގެ ބައެއް ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް އެކަން ކުރީ ސީދާ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ މިހާރު ބޭރުގެ އެކްސްޕާޓުން ބަލަމުން އަންނައިރު، މައްސަލަ ބަލަން އެމީހުން ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ ހާދިސާގައި އޭނާ އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ކާރުގެ ތެރެއިން ފެނުނު އިސްތައްޓާއި އޭނާ ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި އަދި އެ ނޫންވެސް ބައެއް ތަކެތި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ކޮމިޝަނުން ބުނީ އެ ވަޅިއަކީ އޭނާ ގެއްލުވާލި ރޭ ކާރަށް އެރުވުމުގެ ތެރެއިން އެ ސަރަހައްދަށް ވެއްޓިފައި އޮތް ވަޅިއެއް ކަމަށެވެ.