މި މަހު ކުޅުމަށް ނިންމާފައިވާ އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށް އަމާޒުކޮށް ގެނައި ތަޖުރިބާކާރު ކުޅުންތެރިންނާއެކު އަމާޒަކީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުން ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ ބުނެފިއެވެ.
އޭއެފްސީ ކަޕާއި ދިމާކޮށް އީގަލްސްއިން ވަނީ ތަޖުރިބާކާރު ހަތް ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) ގެ އިތުރުން ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ.
މި ކުޅުންތެރިން އީގަލްސްއާއެކު ރަސްމީ އެއްބަސްވުމެއް ނުހަދާނެ ކަމަށާއި، އެފްސީ ކަޕަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަންވާއިރަށް މި ކުޅުންތެރިން ދާއިމީ އެއްބަސްވުމުގެ ދަށުން އެހެން ކުލަބުތަކަށް ބަދަލުވާނެ ކަމަށް އީގަލްސްއިން މައުލޫމާތުދެއެވެ.
ހޯމަ ދުވަހު އީގަލްސްއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން "ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝާޒްލީ ބުނީ ތަޖުރިބާކާރު ކުޅުންތެރިންނާއެކު އީގަލްސްގެ މިހާރުގެ އަމާޒަކީ ބެންގަލޫރު އެފްސީ ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން ކަމަށެވެ. އެގޮތުން އީގަލްސްއިން މި ވަގުތު ފޯކަސް ކުރަނީ ކުރިއަށް އޮތް މެޗަށް ކަމަށާއި، އެކަމަކު ބެންގަލޫރަކީ އޭއެފްސީ ކަޕުގެ ތަޖުރިބާހުރި، ވަރުގަދަ ޓީމެއް ކަމަށްވެސް ބުންޏެވެ.
ޝާޒްލީ ބުނީ އީގަލްސްއަކީ ކުރިންވެސް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި، އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންވެސް އީގަލްސްގެ ސްކޮޑުގައި އެބަތިބި ކަމަށެވެ. އަދި މި ސްކޮޑަށް ތަޖުރިބާކާރު އިތުރު ކުޅުންތެރިންތަކެއް ލިބުމަކީ، އޭފްސީ ކަޕް ކަހަލަ މުބާރާތަކަށް ނުކުންނައިރު، މުހިންމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި މެޗާ ކުރިމަތިލާއިރު އިންޑިއާގެ ބެންގަލޫރުންވެސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. ބެންގަލޫރާ ބެހޭ ގޮތުން ޝާޒްލީ ބުނީ މި ވަގުތު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ތިބި ޓީމުތަކާ އަޅާ ބަލާއިރުވެސް ބެންގަލޫރަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. އަދި އެ ޓީމުން މި މުބާރާތާ ދިމާކޮށް ތަޖުރިބާކާރު މޮޅެތި ކުޅުންތެރިންތަކެއް ގެނެސްފައިވާ ކަމަށާއި، އެހެންކަމުން މި މެޗަށް އީގަލްސްއިން ވަރަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށްވެސް ބުންޏެވެ.
ޝާޒްލީ އިތުރަށް ބުނީ އީގަލްސްގެ ތައްޔާރީތައް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި، މިހާރު ލިބިފައިވާ ދުވަސްތަކަށް ބަލާފައި މި މެޗަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕުގެ ޕްލޭއޮފަށް އީގަލްސް ދަތުރުކުރީ، ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއެވެ. އެކަމަކު ކޮވިޑް-19 ސަބަބުން އެ ޓީމަށް ދަތުރުކުރުމުގެ ހުއްދަ ނުލިބި އަދި އަމިއްލަ ގައުމުގައި މެޗު ކުޅުމުގެ ހުއްދަވެސް ނުލިބުމުން އޭއެފްސީ ނިންމީ އަބަހާނީ މުބާރާތުން ވަކިވެފައިވާ ކަމަށެވެ.
މި މަހު އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅޭއިރު، އެ މެޗަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.