އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމް އަތުން 3-1 ލަނޑުން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ މަގާމަށް ކުރިއަށް ޖެހިލި އިރު އާސެނަލުން ސަންޑަލޭންގެ މައްޗައް ކުރި ހޯދައިފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވެސް އެޓީމުންނެވެ. މިލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖީސަސްއެވެ. އަދި އޭގެ ދެ މިނެޓު ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ވަނީ އިތުރު ލަނޑެއްޖަހާ ލީޑް ފުޅާ ކޮށްފައެވެ.
މި ނަތީޖާގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ދެވަނަ ހާފު ފެށިގެން ވެސް ސިޓީން ވަނީ ވެސްޓް ބްރޮމްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ސިޓީން ވަނީ މޮޅު ކުޅުމަކާއެކު ޔާޔާ ޓޯރޭ ކާމިޔާބުކޮށްދިން ލަނޑުން ލީޑު އިތުރަށް ފުޅާކޮށްފައެވެ.
ސިޓީން ތިން ލަނޑުޖަހާ ލީޑު ނަގައިފައި ވަނިކޮށް ވެސްޓް ބްރޮމް އިން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ލަނޑުޖެހުމަށްޓަކައި އިދިކޮޅު ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް ހަލް ރޮބްސަން ކާނޫ ކާމިޔާބުކޮށްދިން ލަނޑުން އެޓީމު ވަނީ ސުން ކަނޑުވާލާފައެވެ.
މިމޮޅާ އެކު ސިޓީ ލީގުގެ ތިން ވަނައަށް ޖެހިލީ 37 މެޗުން ލިބުނު 75 ޕޮއިންޓާ އެކުއެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި 36 މެޗުން 80 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އޮތް އިރު، ލީގުގެ އެއް ވަނަ މަގާމްގައި އޮތް ޗެލްސީއަށް 37 މެޗުން ލިބިފައި ވަނީ 90 ޕޮއިންޓެވެ. ޗެލްސީ ވަނީ ލީގު ކަށަވަރުކޮށްފައެވެ.
ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ސަންޑަލޭންޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒެވެ.
އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ އިދިކޮޅު ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ސަންޗޭޒާއި ޖިރޫޑް އަދި ވެލްބެކް ފޮނުވާލި ގިނަ ހަމަލާތަކެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަންޑަލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެސުތު އޮޒިލްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސަންޗޭޒެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު އޮލިވިއޭ ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތަކުން ވެސް ކާމިޔާބުކޮށްދިނީ ސަންޗޭޒެވެ.
މި މޮޅާއެކު އާސެނަލަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. އެޓީމު އޮތީ ލީގުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ސަންޑަލޭޑް އޮތީ 24 ޕޮއިންޓާއެކު ލީގުގެ ފުލުގައެވެ.