މިއަދަކީ ދިވެހީންގެ މިނިވަންކަމުގެ ތާރީޚުން އަނެއްކާވެސް ކުލަގަދަގޮތެއްގައި ފާހަގަކުރަންޖެހޭ ދުވަހެކެވެ. ކޮންމެވެސް ސަބަބުތަކަކާހެދި ދުވަހުގެ މުހިއްމުކަމާއި ދުވަހުގެ ހާދިސާ ދިވެހީންގެ ހަނދާނުން ވަނީ ކެހިގެން ފޮހެވިގެން ގޮސްފައެވެ. މިއަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ދިވެހީންގެ އަތްމައްޗަށް އަނެއްކާވެސް ގެނެވުނުތާ 59 އަހަރު ފުރުނު ދުވަހެވެ. ބިދޭސީ ވޯރާ ވިޔަފާރިވެރިންގެ ވަކިތަކުގެ ދަށުން ދިވެހިރާއްޖޭގެ ވިޔަފާރި އާއި ދިވެހިން ސަލާމަތްވެ އިގްތިސާދީ މިނިވަންކަމުގެ ފުރިހަމަ ނޭވައެއް ލެވުނު ދުވަހެވެ. ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފައްސައިލެވުނީ އެމީހުންގެ މުށުތެރެއަށް ރާއްޖޭގެ ވިޔަފާރި ލައިގެން ތިބޭތާ 105 އަހަރު ފަހުން 1 އޮގަސްޓް 1962 ވަނަ ދުވަހުއެވެ. އެއީ ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމުގެ ތިން އަހަރު ކުރިއެވެ.
ވޯރާއިންނަކީ ކޮންބައެއް ބާވައެވެ. އެމީހުން ރާއްޖެއަށް އަތްގަދަކުރީ ކޮންގޮތަކުން ބާވައެވެ. ވޯރާއިންނަކީ އިންޑިޔާގެ ގުޖްރާތަށް ނިސްބަތްވާ ބައެކެވެ. މުސްލިމުންނެވެ. އެދުވަސްވަރު އިންޑިޔާއަކީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައިވާ ގައުމެއްކަމުން ވޯރާއިންނަކީ އިނގިރޭސި ރައްޔިތުންނެވެ. މިރާއްޖޭގައި ވޯރާއިން އެކުރިކަމެއް ކުރީ އިނގިރޭސީންގެ ރުހުން އޮވެގެންނެވެ. އެމީހުންނަށް ދިވެހިރާއްޖެ ހުޅުވައިދިނީ ސިޔާސީ ވަގުތީ މަންފާއެއްގެ އެދުމުގައި ހަމަ ދިވެހީންނެވެ. ވޯރާ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވައިލީ މީލާދީން 1857 ވަނަ އަހަރު މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައެވެ. ބޮޑުވަޒީރަކީ ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނެވެ. މިކަމަށް ބާރުއެޅުއްވީވެސް އަދި މިކަމުގެ މަންފާ ރަދުންގެ ސިކުނޑިފުޅަށް ވެއްދެވީވެސް ހަމަ އަލީ ރަންނަބަނޑޭރިކިލެގެފާނެވެ.
އަލީ ރަންނަބަނޑޭރިކިލެގެފާނުގެ އޮތީ ވަގުތީ ސިޔާސީ އެދުންފުޅެކެވެ. އަތިރީގޭ ޚާންދާނުގެ ބާރު ކުޑަކުރެވޭނޭ ގޮތެއް ހޯއްދެވުމެވެ. މިފަހަރު ވިޔަފާރީގެ ދާއިރާއިންނެވެ. އެދުވަސްވަރު ރާއްޖޭގެ އެންމެ ތަނަވަސް އަދި އެންމެ ބޮޑު ވިޔަފާރިވެރިއަކީ އަތިރީގޭ ދޮން އަހުމަދުދީދީގެ ދަރިކަލުން ގަލޮޅުގޭ އަލީ ދޮށިމޭނާކިލެގެފާނެވެ. މިއީ ފަހުން ބާރުގަދަވެގެންދިޔަ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ބައްޕާފުޅެވެ. ކޮންމެއަކަސް ވޯރާއިން ރާއްޖެ ގެނައުމަކީ އަލީ ދޮށިމޭނާވެސް އަދި އޭރު ދިވެހީންގެ ތެރެއިން ކުރިއަށްތިބި ވިޔަފާރިވެރިންވެސް ވަރަށް ބޮޑަށް ދެކޮޅު ހެދި ކަމެކެވެ. މިއެންމެންގެ ދެކޮޅު ހެދުމާއެކުވެސް މުސްކުޅި ބަންޑާރައިން ދިވެހިރާއްޖޭގެ ދޮރާށިތައް ވޯރާއިންނަށްޓަކައި ހުޅުވައިލައްވައިފިއެވެ. މިގޮތަށް ނިންމެވުމުގައި ރަދުން ބުރަވެވަޑައިގެންނެވި ކަންތައްތަކެއްވެސް ހުއްޓެވެ.
މުސްކުޅި ބަންޑާރައިންނަށް ގަބޫލުފުޅު ކުރެއްވުނު ގޮތުގައި ރާއްޖެއަށް ވޯރާއިން ގެންނަ މުދަލުން ރަދުންގެ ނަންފުޅުގައި ޑިއުޓީއެއް ނަގަން ފެށީމާ ރަސްކަމުގެ ޚަޒާނާ ފުރިގެން ބަންޑުންވާނެއެވެ. ވޯރާއިންގެ ބަނގަލާފަހަރުތައް ނުވަތަ އޮޑިފަހަރު ރާއްޖޭގައި ބަނދަރުކުރީމާ ބަނދަރު ކުއްޔެއްވެސް ލިބޭނެއެވެ. އެއީވެސް ރާއްޖޭގެ މާލިއްޔާއަށް ވަންނާނޭ ފައިސާއެވެ. ހައްތާވެސް މަންފާއެވެ. ހައްތާވެސް ފައިސާއެވެ. މި ޚިޔާލުފުޅު ރަދުންގެ ސިކުނޑިފުޅަށް ވެއްދެވީ ބޮޑުވަޒީރު ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނެވެ. ކޮންމެއަކަސް ވޯރާއިން ރާއްޖެއައިސް ވިޔަފާރި ފަށައިފިއެވެ. ގިނަ އަހަރުތަކެއްނުވެ ފެނިގެންދިޔައީ ދިވެހީން ފަގީރުވެ ވޯރާއިން މުއްސަނދިވަމުންދިޔަ މަންޒަރެވެ. ޚުދު މުސްކުޅި ބަންޑާރައިންވެސް ހުންނެވީ ވޯރާއިންނަށް ދަރައި ސަލާމަތްވެވަޑައިނުގެންނެވޭނޭ ބީދަޔަކުން ބަނދެވިފައެވެ. ހައްތާވެސް ދެކެވެނީ ވޯރާއިންނަށް ދިވެހިން ދައްކަންޖެހޭ ފައިސާގެ ވާހަކައެވެ.
ވޯރާއިންނަށް ލިބުނު ހުއްދައިގެ ދަށުން އެންމެ ފުރަތަމަ އެމީހުން ވިޔަފާރިކުރީ މާލޭގައި ގާއިމުވެ ނުތިބެ ބަނަގަލާފަހަރުގައި މުދާ ގެނެސްފައި އެތަކެތި ވިއްކައިފައި އެނބުރިދިޔުމުގެ އުސޫލަކުންނެވެ. މިގޮތަށް ވިޔަފާރިކުރީމާ ލިބޭ މަންފާ ކުޑަކަމަށް ފެނިގެން އެގޮތް ބަދަލުކޮށް މާލޭގައި އަމިއްލަ ބޮޑެތި ފިހާރަތައް ހުޅުވައިގެން މާލެއަށް ފައިބައި ދާއިމީގޮތެއްގައި ތިބެން ފެށީއެވެ. ތަޖުރިބާއިން އެނގުނުގޮތުގައި މިއީ ވަކީން މަންފާ ބޮޑު ގޮތެކެވެ. މިގޮތަށް މާލޭގައި ގާއިމުވެގެން ތިބެން ފެށީމާ ދިވެހި ވިޔަފާރިވެރިންގެ ތެރެއިން ކިރިޔާވެސް ގޮތެއް ހުރި މީހަކު ވިއްޔާ ރާއްޖެވެސް ދޫކޮށް ފުރައިގެން ސިލޯނަށް ހިނގައްޖެއެވެ. ދިވެހި ވިޔަފާރީގެ ހުރިހާ ކޮންޓްރޯލެއް ވޯރާއިންގެ މުށުތެރެއަށް ފުރޮޅިގެން ހިނގައްޖެއެވެ. ވޯރާއިންނާ ނުލައި ހަމައެއްކަމެއްވެސް ނުކުރެވޭ ހިސާބަށް ކަންކަން ބަދަލުވެގެން ހިގައްޖެއެވެ.
ދިވެހިން އަޅުވެތި ކުރުމަށް ވޯރާއިން ކޮށްފައި ނުކުރާ އެއްކަމެއްވެސް ނެތެވެ. ދިވެހިންގެ އެކްސްޕޯޓުގެ މައިގަޑަކީ ހިކި ކަނޑުމަހެވެ. އެޔާ ކުޅެމުންދިޔައީ ހިތުހުރި ގޮތަކަށެވެ. ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ވޯރާއިންނަށް ދަރައި ހަފުސްވެ މިނިވަންކަން ގެއްލިފައިވާ ބޭފުޅުންނެވެ. އެބޭފުޅުން ކަންތައް ކުރައްވަނީ ވޯރާއިން އަންގާ ގޮތަކަށެވެ. ވެލާނާގޭ އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިއިރު ކަންތައް ހިނގަމުންދިޔައީ މިބީދަޔަކުންނެވެ. ނާސިރު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ރިޝްވަތުގެ ގޮތުގައި ވޯރާއިން ދޭ ހަދިޔާ އަނބުރައި ފޮނުވައިލެއްވުމެވެ. އެކިކަހަލަ އިހުތިފާލުތަކާ ގުޅުވައިގެން ވޯރާއިންގެ ފިހާރަތަކުން ފޮނުވާ ހަލުވާ ދޮލަނގުތައް އެ އައިދިމާލަކަށް އެއަށްވުރެ ބާރަށް ފޮނުވައިލެއްވުމެވެ. ވޯރާއިންގެ މަޅީގައި ނުޖެހި މިނިވަންކަންމަތީގައި ހުންނެވުމެވެ. އެގޮތަށް ހުންނަވައިގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުންގޮސް އެންމެފަހުން 1 އޮގަސްޓް 1962 ގައި ވޯރާއިން ގާދޫކޮލުންވެސް ބޭރުކޮށްލައްވައިފިއެވެ.