ކޮވިޑް-19ގެ އައު ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ޗައިނާގައި ވެސް ފެތުރެން ފަށައިފިއެވެ.
މީޑިއާ ރިޕޯތައް ބުނާ ގޮތުން މި ވޭރިއަންޓް އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަނީ އެ ގައުމުގެ ޖިއަންސޫ ޕުރޮވިންސްގެ ވެރިރަށް ނަންޖިންގައެވެ. ޖުލައި މަހުގެ 20 ވަނަ ދުވަހު އެ ސީޓީގެ އެއަރޕޯޓަކުން ކޭހެއް ފެނި އެ ސިޓީން ރިޕޯޓު ކޮށްފައިވާ ކޭސްތަކުގެ އަދަދުތައް އިތުރު ވުމާއެކު ނަންޖިންގ އިން އަންނަ ހުރިހާ ފްލައިޓެއް ވަނީ އޯގަސްޓު 11 ގެ ނިޔަލަށް ސަސްޕެންޑު ކޮށްފައެވެ.
ނަންޖިންގެ އިތުރުން ޗައިނާގެ ވެރިރަށް ބެއިޖިން އަދި ހުނާން ޕުރޮވިންސުންވެސް ކޮވިޑްގެ ކޭސްތައް ދަނީ ރިޕޯޓު ކުރަމުންނެވެ. ޗައިނާގައި މި ވޭރިއަންޓް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު މިހާތަނަށް އެގައުމުގެ 15 ސިޓީއަކުން ވޭރިއަންޓު ފެނިގެން ރިޕޯޓު ކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިންޑިއާ އިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓަކީ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ އަވަހަށް ފެތުރޭ ވޭރިއަންޓެއް ކަމަށާއި ވެކްސިންތަކުން ޑެލްޓާ ވޭރިއަންޓަށް ކުރާ އަސަރު ދަށްކަމަށް ދިރާސާއިން ދައްކާ ކަމަށް ސައިންސްވެރިން ބުނެއެވެ.
މި ވޭރިއަންޓާ ގުޅިގެން ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށާ މި ވޭރިއަންޓު އަންނަނީ މިއުޓޭޓްވަމުން ބަދަލުވަމުން ކަމަށެވެ. ޓެޑްރޯސް ވިދާޅުވީ ވޭރިއަންޓުގެ އަސަރު ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ކުރަމުންދާ ކަމަށެވެ.
މިއީ ޗައިނާގެ ވުހާން ސިޓީން ކޮވިޑް ކޭސްތަކެއް ފެނި ޗައިނާއަށް ކޮވިޑުގެ ރާޅަކާއި ކުރިމަތިވީ ފަހުން އެ ގައުމުގެ ހާލަތު މިހައި ގޯސްވެގެން ދިޔަ ފުރަތަމަ ފަހަރެވެ.