ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 18:46
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މާކަސް ރެޝްފާޑް
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މާކަސް ރެޝްފާޑް
ގެޓީ އިމޭޖަސް
ރެޝްފޯޑް އޮޕަރޭޝަނެއް ކުރުން
ރެޝްފޯޑުގެ އޮޕަރޭޝަނެއް ކުރަނީ، ފުރަތަމަ ތިން މަހު ނުކުޅެވޭނެ
 
މިދިޔަ ސީޒަނުގެ ފަހުކޮޅު ރެޝްފޯޑުގެ ކޮނޑުހުޅަށް އަނިޔާވިކަން ފާހަގަވި
 
އޮޕަރޭޝަން ކުރުމަށް ނިންމީ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށްފަހު

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މާކަސް ރެޝްފާޑުގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ކުރުމަށް ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ރެޝްފޯޑުގެ ކޮނޑުހުޅުގައި މައްސަލައެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެކަމަކު އޭނާ އޮޕަރޭޝަނެއް ކުރަން ބޭނުންވީ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔޫރޯގައި އިންގްލެންޑުން ކުޅުނު އެއްވެސް މެޗެއްގައި ރެޝްފޯޑަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. އެ މުބާރާތުގައި އިންގެލްނޑުން ކުޅުނު ފަސް މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރެޝްފޯޑް ކުޅުނު ނަމަވެސް، މުޅި މުބާރާތުގައި އޭނާ ޖުމްލަ ކުޅެފައިވަނީ 84 މިނެޓެވެ. އަދި ޔޫރޯގެ ފައިނަލް މެޗުގައި ޕެނަލްޓީއާ ދިމާކޮށް ރެޝްފޯޑް ކުޅެން އެރުވި ނަމަވެސް، އޭނާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ރެޝްފޯޑުގެ ކޮނޑުހުޅު އޮޕަރޭޝަން ކުރުމާ މެދު ވަކި ގޮތެއް ނިންމާނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށްފަހު ކަމަށެވެ. އެއާއެކު ހުކުރު ދުވަހު ޔުނައިޓެޑުން ނެރުނު ބަޔާނުގައި ވަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށްފަހު ރެޝްފޯޑުގެ ކޮނޑުހުޅު އޮޕަރޭޝަން ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ތިން މަހެއްހާ ދުވަހު ރެޝްފޯޑަށް ނުކުޅެވުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ރެޝްފޯޑުގެ ކޮނޑުހުޅުގައި މައްސަލައެއް ހުރިކަން ފާހަގަވި ނަމަވެސް، މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ރެޝްފޯޑް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ނިމިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ރެޝްފޯޑް ވަނީ ކުޅުނު 37 މެޗުގައި 11 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް