ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 13:21
ހުކުރު ނަމާދުގެ ތެރެއިން،
ހުކުރު ނަމާދުގެ ތެރެއިން،
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ހިކުމަތްތެރިކަމާއެކު ދަރިން ކޮންޓުރޯލް ނުކުރެވިއްޖެ ނަމަ، އެކުދިން މައިންބަފައިންނަށް އަމުރުކުރާނެ: ޚުތުބާ
 
މުދަލާއި ދަރިންނަކީ، ކީރިތި ﷲ އިންސާނުންނަށް އިމްތިޙާނު ކުރެއްވުމުގެ ގޮތުން ދެއްވާ ދެއްވުންތަކެއް
 
ރުޅި އަންނަ ކޮންމެ ފަހަރަކު، ދަރިންނަށް ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުމަކީ، ޖަރީމާއެއް
 
ހަރުދަނާކަމުގެ ބިންގަލަކީ، އިޚްލާސްތެރިކަމާއި ތަގުވާވެރިކަން

ހެޔޮގޮތުގައި ދަރިން ތަރުބިޔަތު ކުރުމުގެ ދައުރު މައިންބަފައިންނަށް އަދާކުރެވޭނީ، މައިންބަފައިންގެ ޝަހުސިއްޔަތު، އެ ކުދިންގެ ކުރިމަތީގައި ހަރުދަނާވެގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ހެޔޮގޮތުގައި ދަރިން ތަރުބިޔަތު ކުރުމުގެ ދައުރު މައިންބަފައިންނަށް އަދާކުރެވޭނީ، މައިންބަފައިންގެ ޝަހުސިއްޔަތު، އެ ކުދިންގެ ކުރިމަތީގައި ހަރުދަނާވެގެން ކަމަށާއި، މި ހަރުދަނާކަމުގެ ބިންގަލަކީ، އިޚްލާސްތެރިކަމާއި ތަގުވާވެރިކަން ކަމަށެވެ.

ޚުތުބާގައި ބުނީީ އިލްމާއި ހުނަރުވެރިކަމާއި، ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާ އެކު، ދަރިންނާ އޮންނަ ގާތް ގުޅުމުގެ ތެރެއިން، ދަރިންގެ ކޮންޓުރޯލް ނުކުރެވިއްޖެ ނަމަ، އެ ކުދިން މައިންބަފައިންގެ މައްޗަށް އަމުރުކުރަން ފަށާތަން އޮންނާނީ ދާދި ކައިރީގައި ކަމަށެވެ. މިކަން މިއަދުގެ މުޖުތަމައުއިން ފެންނަމުންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދަރިން ތަރުބިޔަތު ކުރުމުގެ ނަމުގައި، ރުޅި އަންނަ ކޮންމެ ފަހަރަކު، ދަރިންނަށް ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުމަކީ، ޖަރީމާއެއް ކަމަށެވެ. މިފަދަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން، ދަރިންގެ ހިތްތަކުގައި އުތުރިއަރައިގެން އަންނާނީ ނޭދެވޭ ޖަޒުބާތު ތަކެއް ކަމަށާއި، އެކުދިން އަމާންކަމާ އެކު އުޅޭ ގެ، އެކުދިންނަށް ތަޞައްވުރު ވާނީ، ނާމާން ޖަންގައްޔެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތަރުބިޔަތު ކުރުމުގެ ނަމުގައި، ދަރިން ބޭނުންހާ އެއްޗެއް ހޯދައިދީ، ބޭނުންހާ ކަމެއް ކޮށްދިނުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މިގޮތަށް ކަންތައް ކުރެވޭނަމަ، މައިންބަފައިންނަށް ކުޅަދާނަ ނުވާ މިންވަރަށް، ދަރިން ކަންތައްތަކަށް އެދެން ފަށާފާނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ގެއަށާއި ދަރިންނަށް ގަންނަންޖެހޭ ތަކެތި ކަނޑައަޅައި، އެކަމަށް ބަޖެޓް ހެދުމުގައި، ދަރިން ވެސް ބައިވެރިކޮށްގެން، ލިބޭ މަހު މުސާރައިން ހަމަޖެއްސޭ މިންވަރަށް ރޭވުމަކީ، ދަރިންގެ ތަރުބިޔަތަށް މައިންބަފައިންނަށް އެޅިދާނެ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުދަލާއި ދަރިންނަކީ، ކީރިތި ﷲ އިންސާނުންނަށް އިމްތިޙާނު ކުރެއްވުމުގެ ގޮތުން ދެއްވާ ދެއްވުންތަކެއް ކަމަށެވެ. އެ ދެއްވުންތަކަށް ރައްކާތެރިވުމަށް، ތެދުވެރިވާންޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ މައިންބަފައިންނަކީ ދޮގުހަދައި އޮޅުވައިލާ ބަޔަކަށް ވެއްޖެނަމަ، ދަރިންގެ ކުރިމަތީގައި، މައިންބަފައިންގެ އިތުބާރު ގެއްލިދާކަށް ގިނަ އިރެއް ނުނަގާނެ ކަމަށާއި، މިކަން ވާނީ ދަރިންނަށް ދަސްކޮށްދެވޭ ނުރަނގަޅު ފިލާވަޅަކަށް ކަމަށެވެ. އަދި ދަރިން ރުއްސުމުގެ ގޮތުން ވިޔަސް އެ ކުދިން ގާތުގައި ދޮގުހެދުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ދަރިން ތަރުބިޔަތު ކުރުމުގައި، މި ދުވަސްވަރު، މައިންބަފައިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކާޓޫނު ފިލްމުތަކާއި، އިލެކްޓްރޯނިކް ގޭމްތައް ކަމަށެވެ. މިފަދަ ފިލްމުތަކާއި ގޭމްތަކުގެ ބޮޑު ބަޔަކީ، ކުއްޖާގެ ސިކުނޑިދޮވެލާ ތަކެތި ކަމަށާއި، މި ތަކެތި ތައްޔާރުކުރެވިފައި ވަނީ، އޭގެއަވާގައި ޖެހިއްޖެ ނަމަ، އެހެން ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު، އޭގެ ފަހަތުން ދުވެވޭފަދަ މޮޅު ހުނަރާއި، ކުޅަދާނަކަން ބޭނުންކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް ބައެއް ބެލެނިވެރިންގެ ނަޒަރުގައި، މިއީ މާ ބޮޑު ކަމެއް ނޫން ކަމަށާއި، ޚާއްސަކޮށް، ރެއާއި ދުވާލު މަސައްކަތުގައި އުޅޭ ބައެއް މައިންބަފައިންނަށް މިކަން ވެފައި އޮންނަނީ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މިގޮތަށް ކަންތައް ކުރުމުން ކުރާ ނޭދެވޭ އަސަރު ބޭރުފުށުން ފެންނަން ފަށާއިރު، އެ ކުދިން ތިބެނީ އެކަމުން އެކަހެރި ކުރެވޭވަރަށްވުރެ މާބޮޑަށް އޭގެ މަސްތުގައި ޖެހި، ސިކުނޑި ދޮވެވިފައި ކަމަށެވެ. އަދި ދަރިންގެ މަތިން ޣާފިލުވެ ތިބެ، ދުނިޔަވީ މަންފާ ޙާސިލުކުރުމަށް މަސައްކަތް ކުރުމުން ދަރިންގެ ތަރުބިޔަތު ފަސާދަވެ، އަހަރުމެންގެ ލޮލުގެ ކޮއެ ފަދަ ދަރިން އަހަރުމެންގެ އަތުން ދޫވެ، މުޅި އުމުރަށް ކަރުނަ އަޅައި ރޯން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ދަރިން ތަރުބިޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ، ވަރަށް ނާޒުކު، އަދި އެހާމެ ނުރައްކާތެރި ދައުރެއް ކަމަށެވެ.

މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. މާނައަކީ:'' ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފު ގޮތުގައެވެ. ފަހެ، އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ." މި ޙަދީޘާ މެދު ވިސްނާލުމުން ދޭހަވަނީ، ދަރިން ތަރުބިޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ، ޒިންމާދާރު، ޞާލިޙު ދެމަފިރިއަކަށް މެނުވީ ނުއުފުލޭ ވަރުގެ މަސްއޫލިއްޔަތެއް ކަމެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ތަރުބިޔަތުގެ ބިންގާ އަޅާކަށް ފަސޭހައެއް ނުވާނެ ކަމަށާއި، ކުޑައިރުއްސުރެ އެ ކުދިންގެ ކިބައިގައި ނަމާދު ކުރުމާއި، ގުރްއާން ކިޔެވުމުގެ އާދަ އަށަގަންނުވަން ޖެހޭ ކަމަށެވެ. އަދި ތަރުބިއްޔަތު ފެށޭ ދަރުސް ގަހަކީ، މައިންބަފައިންގެ އުނގު ކަމަށާއި، ދަރިންގެ އުމުރުގެ އެންމެ ކުރީކޮޅު، މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ބޭނުންވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެ ކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި، އެސްފިންނާ ފަދަ ކަންތައްތަކުން، އެކުދިން ސަލާމަތް ކުރުމަށް ކެނޑިނޭޅި، ﷲ އަށް ދުއާ ދެންނެވުމަކީ ވަރަށް މުހިއްމުކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ދަރިންނަށް މައިންބަފައިން ކުރާ ދުއާއަކީ، އެކުދިންގެ އިސްލާހުގެ ތަޅުދަނޑި ކަމަށެވެ.

ޚުތުބާގައި ބުނީ މައިންބަފައިންގެ ލޯތްބާއި އަޅާލުމުން މަހުރޫމުވަމުން ދާނަމަ، އެ ކުދިންގެ ހިތުގައި ކަންބޮޑުވުމާއި ނާމާންކަމާއި ބިރުވެރިކަން އުފެދި، މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަންޖެހޭ މުގައްދަސް ގުޅުމަށް ހީނަރުކަން އައުން އޮންނާނީ ދާދި ކައިރީގައި ކަމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި، މައިންބަފައިން އަދާކުރަންޖެހޭ އަނެއް ދައުރަކީ، އާއިލީ ގުޅުން ބަދަހިކުރުމުގެ ދައުރު ކަމަށާއި، މި ދައުރު ފުރިހަމައަށް އަދާކުރެވިއްޖެ ނަމަ، އާއިލާ ބާއްޖަވެރިވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
60%
0%
40%
0%
0%
ކޮމެންޓް
ގުޅުންހުރި
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
މިގައުމުގައި ހެޔޮލަފާ މުޖްތަމައެއް ބިނާކުރުމަށް މިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި: ޚުތުބާ
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ، ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ނުލިބިދާނެ: ޚުތުބާ
"ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާކުރާ އަމަލުތައް ﷲ ބައްލަވާވޮޑިގެންވާކަން ދެނެގަނެ، ނަފްސު ތަހުޛީބުކުރުން"
ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫން: ޚުތުބާ
ގައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ވާޖިބެއް: ޚުތުބާ