ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ހައްލުކުރުމުގައި ފިލިޕީންސްއިން ގެންގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.
މިގޮތަށް ޚަބަރުތައް ފެތުރެން ފަށާފައިވަނީ މި މައްސަލައިގައި ފިލިޕީންސްގެ ސިޔާސަތުތައް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަމަށް އެ ޤައުމުގެ އިސްވެރިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޗައިނާއިން މިކަމުގައި ހަމަހަމަ ހައްލެއް ހޯދައިދޭނެކަމަށް ފިލިޕީންސްއިން ޤަބޫލުނުކުރާކަމަށް މި ޚަބަރުތަކުން ވަނީ ބުނެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ލިޔެފައިވާ ޚަބަރުތަކުގައި މިކަމުގެ ހެއްކެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ފިލިޕީންސްގެ ސަރަހައްދުގެ ގޮތުގައި ބެލެވޭ ސަރަހައްދެއްގެ ކައިރިން ދަތުރުކުރި ޗައިނާގެ އަސްކަރީ މަނަވަރެއް ހިފަހައްޓައި ބަލައި ފާސްކުރި ކުރުމެވެ. މިއީ މީގެ ކުރިން އެ ޤައުމުން އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ.
މިފަދަ ބަލައިފާސްކުރުމުގެ ހަރަކާތެއް ހިންގާފައިވާކަން ފިލިޕީންސްގެ ކޯސްޓް ގާޑުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ޕިލިޕީންސް ކޯސްޓް ގާޑް (ޕީސީޖީ)ން ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކުގެ ތެރެއިން ބައިނަލްއަޤްވާމީ އާބިޓްރޭޝަން ކޯޓުން ފިލިޕީންސްގެ ސަރަހައްދެއްކަމަށް ކަނޑައަޅާފައިވާ މެރީ ލޫސް ބޭންކް ސަރަހައްދުގެ ކައިރިން ޗައިނާގެ އަސްކަރީ މަނަވަރެއް ފެނިފައިވާކަމަށެވެ. މި ސަރަހައްދަކީ ފިލިޕީންސްއަށް މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ސަރަހައްދަކަށްވެފައި މި ސަރަހައްދަކީ އަސްކަރީ ހަރަކާތް ހިންގުން މަނާ ސަރަހައްދެއްކަން ޕީސީޖީން ފާހަގަކުރިއެވެ. ޗައިނާގެ އަސްކަރީ މަނަވަރު ފެނިފައިވަނީ އެ ސަރަހައްދުގައި ފޯރިމަރަމުން ދިޔަ ކޯސްޓްގާޑްގެ "ބީ.އާރް.ބީ ކަބްރާ" އުޅަނދަށް ކަމަށް ބުނެފައިވެއެވެ. މިކަން މިގޮތަށް ހިނގާފައިވަނީ މެރީ ލޫސް ބޭންކް ސަރަހައްދަކީ ފިލިޕީންސްގެ ބާރު ހިނގާ ސަރަހައްދެއްކަމަށް ކަނޑައެޅިތާ 5 އަހަރު ފުރުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި މި މައުލޫމާތު އާންމުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަފުތާއަކަށްވުރެވެސް ފަހުންކަމަށް ޚަބަރުތައް ބުނެއެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ އިޤްތިޞާދީ ގޮތުން ޗައިނާއަށް މުހިންމު ސަރަޙައްދެކެވެ. އެ ޤައުމުންދަނީ އެ ސަރަހައްދުގެ ބޮޑުބައެއްގައި އިޤްތިސާދީ އެކި މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން ފަސް ޓްރިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި އިޤްތިޞާދީ މަސައްކަތްތައް ޗައިނާއިން އެސަރަޙައްދުގައި ކުރިއަށްގެންދެއެވެ. އެހެންނަމަވެސް އަވަށްޓެރި ފިލިޕިންސްއާއި ވިއެޓްނާމާއި، ޓައިވާނާއި، މެލޭޝިއާއިން ވެސް ދަނީ އެ ސަރަޙައްދުގެ މިލްކުވެރިކަމާމެދު ދައުވާ ކުރަމުންނެވެ.