ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 19:22
ތަހުގީގަށް ހައްޔަރުކުރި 6 މީހުން
ތަހުގީގަށް ހައްޔަރުކުރި 6 މީހުން
މޭ6ގެ ހަމަލާ
މޭ 6ގެ ހަމަލާގައި ތުހުމަތު ކުރެވޭ ހައިޝަމަށް ދައުވާ ކުރަން ފޮނުވައިފި
 
މިކަމުގައި ބައިވެރިވާ އެންމެން ހޯދާނެ
 
ދައުވާކުރުމާ މެދު އަންނަ ހަފުތާގެ ތެރޭގައި މެދު ގޮތެއް ނިންމާނެ
 
ދައުވާ ކުރުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ވަނީ ނިންމާފައި

މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ނ. މަނަދޫ ނޫރީގެ ޢަލީ ހައިޝަމަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ އިތުރު މީހެއްގެ މައްސަލަ ފުލުހުންގެ މުއައްސަސާއިން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ. ދައުވާ ކުރުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ނިންމައިފައިވާ ކަމަށާއި, އަދި އަންނަ ހަފުތާގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ތަހުގީގު ކުރިއަށްދާކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ, އަމާޒަކީ މިކަމުގައި ބައިވެރިވާ އެންމެން ހޯދުން ކަމަށާއި، މިކަހަލަ ކަމެއް ތަކުރާރުނުވާނެ ގޮތް ހެދުން ކަމަށެވެ.

ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ޖުލައި 24ވީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ މިހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ކަމަށެވެ. އަދި 6 މީހެއްގެ ވަނަވަރު ވެސް އާއްމުކޮށްފައިވެއެވެ.

އެ 6 މީހުންނަކީ،

ނ. މަނަދޫ ނޫރީގެ ޢަލީ ހައިޝަމް

ކ. މާލެ، ކުދެހިގެ، އިސްޙާގު

ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ ޢަލީ

އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް

ހއ. މުޅަދޫ ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކު

ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމް

މީގެ ކުރިންވެސް ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަޙުމަދު ރަޝީދު (26)ހިޔާ ވ.ތިނަދޫ، މުޖާޒު އަޙުމަދު (21) މއ. ފޭރުގެ، ތަހުމީން އަޙުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަޙުމަދު ފާތިޙު (23) ލ. ގަން، ދުންފިނިއުފާއެވެ. އަދި މިހަތަރު މީހުންގެ މައްޗަށް ދައުވާކުރަން ޖުލައި މަހުގެ 21 ދުވަހު ވަނީ ފޮނުވާފައެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މި ތަހުގީގު މިހާރު ވެސް ވަރަށް ކައިރިން ބަލަމުން ގެންދާ ކަމަށާއި ހަތަރު މީހުންނަށް ކުރާ ދައުވާތަކުގެ ތަފްސީލު ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި އަންނަ މަހު ކުރީ ކޮޅު އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށާއި، ކުރިއަތް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި މި މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޓެރަރިޒަމް ގާނޫނުގައިވާ ގޮތުން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ އުފުލަން 75 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތު ހަމަވާނީ އޮގަސްޓްމަހުގެ 5ވަނަ ދުވަހަށެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުންވަނީ ޚާއްސަ އިންކުއަރީއެއްވެސް ހަދާފައެވެ. އެ އިންކުއަރީގައިވެސް ގިނަ ކަންބޮޑުވުންތަކެއްވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް