ބާސެލޯނާއަށް ކުޅެމުން އަންނަ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް އަލުން އަނބުރާ ޔުވެންޓަސްއަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ދީފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔުވެންޓަސްއިން ވަނީ އުމުރުން 31 އަހަރުގެ ޕިޔަނިޗް ބާސާއަށް ވިއްކާލައި، ބާސާއަށް ކުޅެމުން އައި ބްރެޒިލުގެ ޒުވާން މިޑްފީލްޑަރު އާތޫރް މެލޯގެ ސޮއި ހޯދާފައެވެ. ޕިޔަނިޗް ބާސާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. ބާސާއިން ޕިޔަނިޗް ހޯދުމަށް 60 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދެއްކިއިރު ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ ދައްކަން ޖެހުނެވެ.
ބާސާއަށް ބަދަލުވި ފަހުން ޕިޔަނިޗަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައި ނުވާއިރު، މިދިޔަ ސީޒަނުގައި ބާސާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޕިޔަނިޗް ކުޅެފައިވަނީ އެންމެ 13 މެޗެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕިޔަނިޗް ވިއްކާލަން ބާސާއިންވެސް އޮތީ ތައްޔާރަށެވެ. އެކަމަކު ބާސާއާއެކު ޕިޔަނިޗް ހަދާފައިވާ އެއްބަސްވުން އުވާލަން 400 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ.
މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ކޯޗުކަން ކޮށްދިން އަންދްރެއާ ޕިރްލޯ ވަކިކޮށް، އެ ޓީމުގެ ކޯޗުގެ މަގާމާ އަލުން އެލެގްރީ ހަވާލުވެފައިވާއިރު، ޕިޔަނިޗް މީގެ ކުރިން ވަނީ އެލެގްރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއަށް ކުޅެފައެވެ.
ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލެގްރީ ބުނީ އެ ޓީމުގައި ތިބި ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައުލޯ ޑިބާލާ އަކީ ހިލޭ ޖެހުންތައް ފޮނުވާލުމުގެ ތަޖުރިބާހުރި ދެ ކުޅުންތެރިން ކަމަށާއި، އެކަމަކު ކަނާތް ފައިން ހިލޭ ޖެހުން ޖަހާނެ ކުޅުންތެރިއަކު ވަރަށް އަވަހަށް އެ ޓީމާ ގުޅޭނެ ކަމަށެވެ. މީގެ ކުރިން އެލެގްރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސްގެ މެދުތެރޭގައި ޕިޔަނިޗް މުހިންމު ދައުރެއް އަދާކުރިއިރު، އޭނާއަކީ މީގެ ކުރިން ޔުވެންޓަސްގެ ހިލޭ ޖެހުންތައް ފޮނުވާލުމަށް ހާއްސަ ކުޅުންތެރިއެކެވެ.
ޕިޔަނިޗް އަލުން އަނބުރާ ޔުވެންޓަސްއަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު، ރޯމާ ދޫކޮށް 2016 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ޕިޔަނިޗް ވަނީ މީގެ ކުރިން އެ ޓީމަށް ކުޅެދިން 178 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.