ބާސެލޯނާ އާއި އެ ޓީމުގެ ކުރީގެ ފޯވާޑް ބްރެޒިލުގެ ނޭމާއާ ދެމެދު ޖެހުނު ބޯނަހުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފިއެވެ.
ބާސާ ދޫކޮށް 2017 ވަނަ އަހަރު އުމުރުން 29 އަހަރުގެ ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 200 މިލިޔަން ޕައުންޑަށެވެ. އެއަށްފަހު ނޭމާ ވަނީ ބާސާއެކު 2013 ވަނަ އަހަރު ސޮއިކުރި ފަސް އަަހަރުގެ އެއްބަސްވުމާ އެއްގޮތަށް ލޯޔަލްޓީ ބޯނަހުގެ ގޮތުގައި ބާސާއިން 37.2 މިލިޔަން ޕައުންޑް ދެކޮޅު ހެދި ކަމަށް ބުނެފައެވެ.
މި މައްސަލަ ނޭމާގެ ފަރާތުން ކޯޓަށް ހުށަހެޅިއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސްޕެއިނުގެ ކޯޓަކުން ވަނީ ނޭމާ އުސޫލާ ޚިލާފަށް ބާސާ އަތުން ލޯޔަލްޓީ ބޯނަސް ހޯދަން ކުރާ މަސައްކަތުގައި ޖޫރިމަނާއެއްގެ ގޮތުގައި 6.1 މިލިޔަން ޕައުންޑް ދައްކަން އަންގާފައެވެ.
އެ އަށްފަހު އަނެއްކާވެސް ނޭމާ ބޯނަހުގެ އައު މައްސަލައެއް ކޯޓަށް ވެއްދިއިރު، ހޯމަ ދުވަހު ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ބާސާގެ ބަޔާނުގައިވާ ގޮތުން ނޭމާ ކޯޓަށް ހުށަހަޅާފައިވާ މައްސަލަައިގައި އިތުރަށް ކުރިއަށްނުދާން ދެ ފަރާތުން މިހާރު އެއްބަސްވުމެއް ގާއިމްކޮށްފައެވެ.
ޕީއެސްޖީއަށް ބަދަލުވި ފަހުން ނޭމާ ހޯދަން ބާސާއިން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވީ ނަމަވެސް، ދާދި ފަހުން ނޭމާ ވަނީ ޕީއެސްޖީގެ އެއްބަސްވުން އާކޮށް، 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ. އައު އެއްބަސްވުމުގައިވާ ގޮތުން ނޭމާއަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެއެވެ. އެކަމަކު ބޯނަހާއެކު އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ޕީއެސްޖީގައި މަޑުކުރަން ނޭމާ ނިންމިއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 116 މެޗުގައި ވަނީ 87 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.