ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 10:45
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ޔޫސުފް ސޮފްވާން ރަޝީދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު
ރާއްޖޭގައި ބޮޑުވަޒީރެއް ހުންނަވަން ޖެހޭކަމަށް މިހާރު ގަބޫލެއް ނުކުރަން- ރައީސް މައުމޫން
 
ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ޖާގައެއް ނެތް ކަަމަށާއި، އެކަން ވަރަށް ސާފު ކަމަށް ވިދާޅުވި
 
މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތާ އެންމެގުޅޭ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް

ދިވެހިރާއްޖޭގައި ބޮޑުވަޒީރެއް ހުންނަވަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަދައްވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ބޮޑުވަޒީރެއް ހުންނަވަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ކުރިން ވިދާޅުވެފައިވީ ނަމަވެސް އެ ވާހަކައަކީ ރާއްޖޭގައި ގާނޫނު އަސާސީއެއް އެންމެ ފުރަތަމަ ފަރުމާކުރަން އުޅުނުއިރު ރާއްޖޭގައި އޮންނަން ޖެހޭނީ ކޮންކަހަލަ ނިޒާމެއްތޯ ކުރެވުނު ބަހުސެއްގެ ތެރެއިން ވިދާޅުވި ވިދާޅުވުމެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، އޭރު އެހެން ވިދާޅުވީ އެ ބަހުސްގައި ބައިވެރިވުމުގެ ގޮތުން ކަމަށާއި އޭރު ދެއްކީ އެ ދުވަސްވަރަށް ރާއްޖެއަށް އެންމެ ރަނގަޅު ގޮތުގެ ވާހަކަ ކަމަށެވެ. އަދި އެއީ ދާއިމަށް އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަޅުގަނޑު މިހާރަކު ގަބޫލެއް ނުކުރަން އެއީކަން އެކަން އޮތް ގޮތަކީ. މިދެންނެވީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކުރީގެ ވާހަކައެއް. މިހާރު މިއޮތީ އަޅުގަނޑު ހުރިއިރު ހުށަހަޅައިގެން ނެގުނު ވޯޓެއްގެ ނަތީޖާ. އެ ވޯޓު ވަރަށް ފުރިހަމައަށް ކާމިޔާބުވީ ރިޔާސީ ނިޒާމު ކޮޅަށް. ރާއްޖޭގައި މިހާރު މިއޮތީ ރައްޔިތުން ނިންމެވި ގޮތެއް. އެ ނިންމުން އެހެން އޮއްވާ އަޅުގަނޑު ހިތެއް ނުބުނޭ އެއްވެސް ހާލެއްގައި ރާއްޖޭގައި މިހާރު މި އޮތް ނިޒާމު ބަދަލުވެދާނެއެކޭ.
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް

ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް ކަމަށް އެމްއާރްއެމްގެ ލީޑަރުގެ ހައިސިއްޔަތުން ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. ރާއްޖެއަށް އެންމެ އެކަށީގެންވަނީ "ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ" ބަހުސް ގަދަވެފައިވާ މި ދަނޑިވަޅުގައި މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތާ އެންމެގުޅޭ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.

ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމުކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ޖާގައެއް ނެތް ކަަމަށާއި، އެކަން ވަރަށް ސާފު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
75%
0%
25%
0%
0%
ކޮމެންޓް