ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 10:05
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނަފްރަތުގެ ބިލާ ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ނަފްރަތުގެ ބިލު
ނަފްރަތުގެ ބިލުގެ ސުރުޚީ ރީތި، ނަމަވެސް އިސްލާމީ ގައުމަކަށް އެއަށް އަމަލެއް ނުކުރެވޭނެ- ރައީސް މައުމޫން
 
މި ބިލަށް ރައީސް މައުމޫން ހިމެނިވަޑައިންނަވާ ޕާޓީ އެމްއާރްއެމުން ވެސް ތާއީދު ނުކުރާކަމަށް އެ ޕާޓީން ވަނީ ބުނެފައި
 
ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފައި
 
ރައީސް މައުމޫން ވިދާޅުވީ އެ ބިލުގައިވާ ގޮތުން މީހަކު ގޯސްކަމެއް ކުރާނަމަ އެކަން މަނާކޮށް އެއީ ދީނާ ޚީލާފު ކަމެއް ކަމަށް ނުބުނެވޭނެ ކަމަށް

ނަފުރަތުގެ ބިލަކީ ސުރުޚީ ރީތި، އެހެނަސް ދިވެހިރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އަމަލުކުރެވިދާނެ މާއްދާތަކެއް ހުރި ބިލެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގާނޫނުލް އުގޫބާތަށް ހުށަހެޅިފައިވާ އިސްލާހު ނުވަތަ ނަފްރަތުގެ ބިލަކީ ސުރުޚީ ރީތި ބިލެއްކަމަށާއި އެންމެ ފުރަތަމަ ބަލާލާއިރު ވަރަށް ހަމެޖެހޭ ބިލެއްގެ ގޮތުގައި ސިފަވެގެންދާނެ ބިލެއް ކަމަށެވެ. ނަމަވެސް އެ ބިލުގައިވާ މާއްދާތަކަކީ ރާއްޖެފަދަ އިސްލާމީ ގައުމެއްގައި އަމަލުކުރެވޭނެ މާއްދާތަކެއް ހުރި ބިލެއް ނޫން ކަމަށެވެ.

ސަބަބަކީ ހެޔޮ ކަންކަމަށް ގޮވާލުމާއި ނުބައިކަންކަން މަނާކުރުމަކީ އިސްލާމް ދީނުގައި މުހިއްމު ކަމެއް ކަމަށާއި، މިހާރު ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ އެކަމަށް ހުރަސްއެޅިގެން ދާނެ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެ ބިލުގައިވާ ގޮތުން މީހަކު ގޯސްކަމެއް ކުރާނަމަ އެކަން މަނާކޮށް އެއީ ދީނާ ޚީލާފު ކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. ނަމަވެސް މީހަކު އެފަދަ ކަމެއް ކުރާނަމަ ދީނުގެ ހުކުމްތައް ބުނެދެވެން ޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މިސާލަކަށް މީހަކު ރާބޯތަން ފެނުނީމަ ތިއީ ދީނާ ޚިލާފު ކަމެކޭ ބުނެވެން ޖެހޭނެ. އެ ބިލުގައިވާ ގޮތުން އެހެން ބުނާ މީހާ އެ ކުރަނީ ޖިނާއީ ކުށެއް. އެހެންވީމަ އެކަން ދެކޮޅެއް ނުޖެހޭ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހު ދިރާސާކޮށްފައިވަނީ ޖުޑީޝަރީ ކޮމިޓީންނެވެ. ބިލް ހުށަހެޅުމާއެކު ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމުން ވަނީ މިބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ކޮމިޓީން މި ބިލް ދިރާސާކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޚިޔާލު ހޯދާފައެވެ. މީގެއިތުރުން މި ބިލަކީ އާންމުންގެ މަސްލަހަތު ބޮޑު ބިލަކަށް ވުމުން އާންމުންގެ ޚިޔާލު ހޯދުމަށް ކޮމިޓީން ނިންމިކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި ގާތްގަނޑަކަށް 2462 ޚިޔާލު އާންމުންގެ ފަރާތުންނާއި ޖަމުޢިއްޔާ ޖަމާއަތްތަކުން ކޮމިޓީއަށް ލިބިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ހުރިހާ ފަރާތްތަކުގެ ޚިޔާލާއެކު ކޮމިޓީން ވަނީ މި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް ކޮމިޓީން ގެނައި އިސްލާހުތަކަށް ފަހުން ސަރުކާރުގެ ފަރާތުން ވަނީ އަނެއްކާ ވެސް އިސްލާހުތަކެއް ހުށަހަޅާފައެވެ. މި ބިލަށް ރައީސް މައުމޫން ހިމެނިވަޑައިންނަވާ ޕާޓީ އެމްއާރްއެމުން ވެސް ތާއީދު ނުކުރާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
75%
0%
25%
0%
0%
ކޮމެންޓް