ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 16:20
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ
ގެޓީ އިމޭޖަސް
ސޯލްޝެއާ އެއްބަސްވުން އާކުރުން
ސޯލްޝެއާ 2024 ގެ ނިޔަލަށް ޔުނައިޓެޑުގައި މަޑުކުރާނެ
މިދިޔަ ސީޒަނުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކި
ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑުގެ ނޯވޭގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފިއެވެ.

އުމުރުން 48 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމުގެ ކޯޗުގެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އެކަމަކު ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމާއެކު، 2019 ވަނަ އަހަރުގެ މާޗު މަހު ވަނީ ސޯލްޝެއާގެ އެއްބަސްވުން ދާއިމީކޮށް، އިތުރު ތިން އަހަރަށް އޭނާ ބަހައްޓަން ނިންމާފައެވެ.

ޔުނައިޓެޑާ ހަވާލުވުމަށް ފަހު ސޯލްޝެއާ ވަނީ ޖެހިޖެހިގެން ހަ މެޗުން މޮޅުވެފައެވެ. އެއާއެކު އޭނާ ވެފައިވަނީ ޔުނައިޓެޑާ ހަވާލުވެ ފުރަތަމަ ހަ މެޗުން އެ ޓީމު މޮޅުކޮށްދިން ފުރަތަމަ ކޯޗެވެ. ސޯލްޝެއާ އަކީ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރި ފަހުން، އެ ޓީމާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަވާލުވި ހަތަރުވަނަ ކޯޗެވެ.

މީގެ ކުރިން ޔުނައިޓެޑާއެކު ސޯލްޝެއާ ހަދާފައި އޮތް އެއްބަސްވުން އަންނަ އަހަރު ހަމަވަން އޮތްއިރު، ހޮނިހިރު ދުވަހު ޔުނައިޓެޑުން ވަނީ ސޯލްޝެއާގެ އެއްބަސްވުން 2024 ވަނަ އަހަރުގެ ނިޔަލަށް އާކުރިކަން ހާމަކޮށްފައެވެ.

ޔުނައިޓެޑުގެ އެއްބަސްވުން ސޯލްޝެއާ އާކުރިއިރު، މިދިޔަ ސީޒަނުގައި އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ޔުނައިޓެޑުން ހޯދިއިރު، އެ ޓީމުން ވަނީ މިދިޔަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައިވެސް ކުޅެފައެވެ. އެކަމަކު ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިޔަރެއާލެވެ.

ސޯލްޝެއާއަށް އަދި މިހާތަނަށް ޔުނައިޓެޑާއެކު ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަކީ ޔުނައިޓެޑުގެ ކޯޗުގެ މަގާމާ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ ފައިނަލެވެ. ޔުނައިޓެޑުން އެންމެ ފަހުން ކާމިޔާބުކުރި މުބާރާތަކީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގެވެ. އެކަމަކު އޭރު ޔުނައިޓެޑުގެ ކޯޗަކީ ޖޯސޭ މޮރީނިއޯއެވެ.

- ކޮމެންޓް