ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 13:45
ވަރޯޝާއަކީ ތުރުކީގެ އަސްކަރީ ހަރަކާތްތައް ހިންގަން ބޭނުންކުރާ ރަށެއް
ވަރޯޝާއަކީ ތުރުކީގެ އަސްކަރީ ހަރަކާތްތައް ހިންގަން ބޭނުންކުރާ ރަށެއް
ރޮއިޓަރސް
ވަރޯޝާ ހުޅުވާލުން
ވަރޯޝާ ހުޅުވާލުމަށް ނިންމުމުން އެކަން އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
 
ތުރުކީއާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސައިޕްރަސްއިން އދގެ ސަލާމަތީ މަޖިލީހަށް މައްސަލައެއްވެސް ވަނީ ހުށަހަޅާފައި
 
ތުރުކީއާއި ގްރީސްގެ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން 1974 ވަނަ އަހަރު ސައިޕްރަސް ވަނީ ދެބައިވެފައި
 
2004ގައި އެއްބަސްވެފައިވާ ގޮތުންނަމަ މި ކަންކަމުގެ މެދުވެރިއަކަށް ވާންޖެހޭނީ އދ

ތުރުކީވިލާތުގެ އަސްކަރީ ހަރަކާތްތައް ހިންގަމުންދާ ވަރޯޝާގެ ބައެއް ހުޅުވާލުމަށް ނިމުމުން އެކަން އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފިއެވެ.

ތުރުކީވިލާތުގެ އަސްކަރީ ހަރަކާތްތައް ހިންގަމުންދާ ވަރޯޝާގެ ބައެއް ހުޅުވާލުމަށް ނިމުމުން އދގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތާއީދާއެކު ކުށްވެރިކޮށް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި މި ބިމަކީ ސައިޕްރަސްގެ ބިމެއް ކަމުގައިވާއިރު އެކި މައްސަލަތަކާއި ހުރެ މި ބިމަށް ވާންވީގޮތެއް ނޭނގި އޮއްވާ ތުރުކީވިލާތުން ނިންމި ނިންމުން ބަލައި ނުގަނެވޭކަމަށް ވަނީ ބުނެފައެވެ. އަދި މިކަމުގައި އަމަލުކުރުމަށް 2004ގައި އެއްބަސްވެފައިވާ ގޮތުންނަމަ މި ކަންކަމުގެ މެދުވެރިއަކަށް ވާންޖެހޭނީ އދކަމުން އެކަން ކުރުމަށް ފުރުސަތު ދޭންޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ފުރުސަތު ނުދީ ތުރުކީން އަމަލުކުރަމުންދާގޮތާއި މެދު ހިތްހަމަނުޖެހޭކަމަށް ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅިގެން ތުރުކީއާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސައިޕްރަސްއިން އދގެ ސަލާމަތީ މަޖިލީހަށް މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. ވަރޯޝާގެ ބައެއް ހުޅުވާލުމަށް ނިމުމުން އެކަން ކުށްވެރިކުރިޔަސް، ތުރުކީއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހުން ރުހުންދީ ފާސްވާނެކަމަށް ނުބެލެވެއެވެ. އެއީ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިފައިވާ ދާއިމީ މެމްބަރު ގައުމުތަކުގެ ތެރޭގައި ތުރުކީއަށް މަދަދުވެރިވާ ގައުމުތައްވެސް ހިމެނޭތީއެވެ.

ދީނީ ޚިޔާލުތަފާތުވުންތަކާއި ތުރުކީއާއި، ގްރީސްގެ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން 1974 ވަނަ އަހަރު ސައިޕްރަސް ވަނީ ދެބައިވެފައެެވެ. ދުނިޔެއިން ބަލައިގަންނަ ސައިޕްރަސްގެ ގޮތުގައި ދެކުނު ސައިޕްރަސް އޮތް އިރު މިއީ ގްރީސްގެ މަދަދާއެކު އޮންނަ ސަރަހައްދެކެވެ. ސައިޕްރަސްގެ އުތުރު ފަޅިއަކީ މުސްލިމުން އާބާދުވެފައިވާ ސަރަހައްދަކަށްވާއިރު އެ ސަރަހައްދުގައި ވަނީ ތުރުކީ ވިލާތުގެ ނުފޫޒެވެ. ވަރޯޝާއަކީވެސް އުތުރު ސައިޕްރަސްގެ ސަރަހައްދަކަށްވާއިރު، 1974 ވަނަ އަހަރުން ފެށިގެން އެ ރަށަކީ ތުރުކީން އަސްކަރީ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާ ރަށެކެވެ. އުތުރު ސައިޕްރަސްއަކީ ވަކި ދައުލަތެއްކަމަށް ބަލައިގެންފައިވަނީ ހަމައެކަނި ތުރުކީވިލާތުންނެވެ.

ސައިޕްރަސް ދެ ބައިވުމަށް 47 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ އުތުރު ސައިޕްރަސްއަށް ވަޑައިގެންފައެވެ. އަދި މި މުނާސަބަތާއި ގުޅިގެން ވަރޯޝާގެ ބިމުގެ 4 އިންސައްތަ ބިން އާންމުން އަލުން އާބާދުވުމަށް ހުޅުވާލަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ވަރޯޝާ ހުޅުވާލާއިރު، މި ބިމުގައި ދެކުނު ސައިޕްރަސްގެ މީހުންނަށްވެސް އާބާދުވެވޭނެކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި އެ ޤައުމުން އަބަދުވެސް ޤަބޫލުކުރާގޮތަށް ސައިޕްރަސްގެ މައްސަލައަށް "ޓޫ ސްޓޭޓް" ސޮލިއުޝަންއެއް ބޭނުންވާކަމުގައި ވިދާޅުވިއެވެ. މިކަމަށް އެމެރިކާއާއި، ވިލާތުގެ އިއްތިހާދުން ދަނީ ދެކޮޅު ހަދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
29%
71%
0%
0%
0%
0%
ކޮމެންޓް