ކ. މާލެ
|
23 ޖުލައި 2021 | ހުކުރު 12:32
ފެންބޮޑުވުމުގެ ސަބަބުން ވެއްޓިފައިވާ ގެއެއްގެ ދަށުން ސަލާމަތްކުރި ތުއްތު ކުއްޖާ
ފެންބޮޑުވުމުގެ ސަބަބުން ވެއްޓިފައިވާ ގެއެއްގެ ދަށުން ސަލާމަތްކުރި ތުއްތު ކުއްޖާ
-
ޗައިނާ ވިއްސާރަ
މަންމަ ފުރާނައިން ގުރުބާންވީ ހަތަރު މަހުގެ ދަރިފުޅު ސަލާމަތްކުރުމަށް
ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުމުން، އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށި

ޗައިނާގެ ހެނާން ޕްރޮވިންސްގައި ވެއްޓިފައިވާ ގެެއެއްގެ ދަށުން ކުޑަ ކުއްޖަކު ސަލާމަތްކުރާ ވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މި ހަފްތާގެ ތެރޭގައި ޗައިނާއަށް ރެކޯޑު މިންވަރަކަށް ވާރޭވެހި ފެންބޮޑުވެ އެތައް ހާސް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މީގެ ކުރިން އަހަރެެއްހާ ދުވަހުގެ ތެރޭގައި ޗައިނާއަށް ވާރޭ ވެހޭ މިންވަރަށް ފާއިތުވި ތިން ދުވަހުގެ ތެރޭގައިވަނީ ވާރޭވެހި ފެން ބޮޑުވެފައެވެ. މި ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އެކި ހިސާބުތަކަަށް ކުރިމަތިވިއެވެ.

ހެނާން ޕްރޮވިންސްގެ ވެއްޓިފައިވާ ގެެއެއްގެ ދަށުން ކުޑަ ކުއްޖަކު ސަލާމަތްކުރާ ވީޑިއޯއެއް ވައިރަލްވުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް އެ ވީޑިއޯ މިވަނީ އައިސްފައެވެ. ހަނި ދޭތެރެއަކުން ހަތަރު މަހަށްދާ ތުއްތު އަންހެން ކުއްޖަކު ސަލާމަތް ކުރާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ޓީމުން ބުނެފައިވަނީ، ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުމުން، އެ ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް އެޓީމުން ފެށިކަމަށެވެ. އޭރު އެ ތުއްތު ކުއްޖާގެ މަންމަ ހުރީ އެ ކުއްޖާ އަތު ކޮޅަށް ނަގައި ފެނުގައި ނުޖެހޭނެހެން ހިފަހައްޓައިގެންނެވެ. ކުއްޖާ ސަލާމަތްކުރުމަށްފަހު ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އެ ތުއްތު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނެތެވެ.

އެއަށްފަހު އެ ތުއްތު ކުއްޖާގެ މަންމަގެ ހަށިގަނޑު އެތަނުން ނެގިއިރު އޮތީ އެ ކުއްޖާ އަތުކޮޅަށް ނެގިގޮތަށް މަރުވެ ގަނޑުވެފައެވެ. ވާރެއާއެކު އެ ގޭގައި ފެންބޮޑުވާން ފެށުމުން ދަރިފުޅު ފެނުން ސަލާމަތްކުރުމަށް އަތުކޮޅަށް ދަރިފުޅު ނެގީއެވެ. އެ ތުއްތު ކުއްޖާއާއި މަންމަގެ ނަން ވެސް ހެނާން ޕްރޮވިންސްގެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި އެ ޕްރޮވިންސުން 33 މީހުން މަރުވެ 200،000ށްވުރެ ގިނަ މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. މައި މަގުތައް ބަންދުވެ އަވަށްތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަވަށްތަކަަށް ދިޔުމަށް އޮންނަ މަގުތައް ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ޗަކަ ހެދި ބަންދުވެފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަަތް ހުއްޓުމެއްނެތި އަންނަނީ ކުރަމުންނެވެ.

- ކޮމެންޓް