ކ. މާލެ
|
22 ޖުލައި 2021 | ބުރާސްފަތި 18:13
މާލެ ސީޓީގެ ހުރިހާ ބާރެއް ހައުސިން މިނިސްޓްރީއަށް ބަދަލު ކުރެއްވީވެސް ޑރ.މުއިއްޒު
މާލެ ސީޓީގެ ހުރިހާ ބާރެއް ހައުސިން މިނިސްޓްރީއަށް ބަދަލު ކުރެއްވީވެސް ޑރ.މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓު
މާލޭގެ ޕާކިންގެ ވާހަކަޔާއި ޑރ.މުއިއްޒު
 
ހަތް އަހަރުވަންދެން މުޅި މާލެ މުށުތެރެއަށް ލައިގެން އުޅުއްވި
 
މާލެއަށް އެތެރެކުރާ އެއްގަމު އުޅަނދު މަދުނުކޮށް މާލޭގެ ޕާކިންގެ މައްސަލަ ހައްލެއް ނުވާނެ

ސިޓީއެއް ތަރައްގީވެގެން އަންނައިރު ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން އެ ސިޓީއެއްގެ ތަރައްގީއަށް ޕްލޭންތައް ކުރެއެވެ. ޕްލޭންތައް ތަންފީޒުކުރުމަށް މަސައްކަތްތަކެއްވެސް ކުރެއެވެ.

މަސައްކަތްތައް ފަށާ ހިސާބުން ދެން އިވެނީ ނިމިދިޔަ ސަރުކާރަށް ފާޑު ކިޔަން ފަށާ އަޑެވެ. ފާޑު ކިޔުންތައް އެކި ގޮތްގޮތަށް އަމާޒުކުރެއެވެ. މާލެ ސިޓީގެ ޕްލޭންތަކަކީ، އެ އިރެއްގައި އޮންނަ ސަރުކާރަކާއެކު ބަދަލުވާ ޕްލޭންތަކެކެވެ. އެއްވެސް ސަރުކާރަކަށް ކުރީގެ ސަރުކާރުން ކުރާ އެއްވެސް ކަމެއް ކަމުދާތަނެއް ނުފެނެއެވެ.

މިފަހަރު ދައްކަން މި އުޅެނީ، ހަތް އަހަރުވަންދެން މާލެ ސިޓީގެ ހުރިހާ ކަމެއް އެ ބޭފުޅެއްގެ މުށުތެރެއަށް ލައިގެން އުޅުއްވި، މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ވާހަކައެވެ. ސިޓީ ކައުންސިލްގެ ބާރުވެސް މުށުތެރެއަށް ލައި އެތަންވެސް ހިންގެވީ އެމަނިކުފާނުގެ އޭރުގެ މިނިސްޓްރީންނެވެ.

މިވާހަކަ ފަށާނީ، ދާދި ފަހުން އެމަނުކުފާނު ކުރެއްވި ޓްވީޓެއްގެ ވާހަކައިންނެވެ. އެމަނިކުފާނު ޓްވީޓު ކުރެއްވީ، ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސައި 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އައު ގަވާއިދު ޖުލައި 16 ވަނަ ދުވަހު ގެޒެޓު ކުރުމާ ގުޅިގެންނެވެ. އެ ޓްވީޓުގައި އޮތީ،  ޖޫރިމަނާކުރަން ވާނީ ޕާކު ކުރާނެ ޖާގަ އެކަށީގެންވާ ވަރަށް ހޯދައިދިނުމަށް ފަހު ކަމަށެވެ. އަދި މާލޭގައި ޕާކިންއަށް ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްކޮށް ނަތީޖާ ނެރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

މާލޭގެ ޕާކިންގެ މައްސަލައަކީ ދުވަހަކުވެސް އެ މައްސަލަ ހައްލުވާނެ ކަމަށް މީހުން މިހާރު ގަބޫލުކުރާ މައްސަލައެއް ނޫނެވެ. މާލެއަށް އެއްގަމު އުޅަނދު އެތެރެކުރުން މަދުނުކޮށް ޕާކިންގ މައްސަލަވެސް އަދި މަގުމަތީގެ ތޮއްޖެހުންވެސް ހައްލެއްނުވާނެއެވެ.

މުޅި މާލެ މުށުތެރެއަށް ލައިގެން ހަތް އަހަރު ދުވަހު އުޅުއްވުމަށްފަހު ޑރ.މުއިއްޒު މިކަހަލަ ވާހަކަ ދެއްކެވުމުން ޒާތެއްގެ ހިންޏެއްވެސް އާދެއެވެ. ޕާކިން މައްސަލަ ހައްލުކުރުމަށް މެކޭނިކަލް ޕާކިންގެ ނަމުގައި އެމަނިކުފާނު އިސްވެ ހުންނަވައި މާލެއަށް ގެނައި ތަކެތި އެކި ދިމަދިމާލުގައި ބެހެއްޓިއެވެ. އެތަކެތީގެ އެއްވެސް ބޭނުމެއް ނުހިފި މިހާރު އެހެރީ ދަބަރަށް ވެފައެވެ. އެއީ މާ ހަމަޖެހޭ މެތަޑެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަންކަން ބެއްލެވި ބޭފުޅުންވެސް ވިދާޅުވެފައިވަނީ ހަމަ މިހެންނެވެ. އެއީ ހަމަ ދައުލަތުގެ މާލިއްޔާއިން ކުރެއްވި ބޭކާރު ޚަރަދު ތަކަކަށް ވަނީ ވެފައެވެ.

މިކަންކަން މިހެން ހިންގާވާފައިވާ ބޭފުޅަކު މާލޭގެ ޕާކިންގެ ނިޒާމު ހައްލުނުކޮށް ސްޓިކާ ޖަހައިގެން ނުވާނެކަމުގެ ވާހަކައިން ސަރުކާރަށް ފާޑު ވިދާޅުވުމަކީ މުޅިއަކުން ހަމަޖެހޭކަމެއް ނޫނެވެ. އެމަނިކުފާނުގެ މުށުތެރޭގައި ހައުސިން މިނިސްޓަރުކަމާއި، މާލެ ސިޓީގެ ކައުންސިލް ހަތް އަހަރު އޮތްއިރު އެކަމަށް ހައްލު ނުގެނެވުނީ ކީއްވެތޯ އަމިއްލަފުޅަށް ސުވާލުކުރެއްވުން ކިހިނެއްވާނެ ހެއްޔެވެ. ހުރިހާ ބާރެއް އޮވެމެ އެކަމަށް ހައްލު ގެންނަން އެއީ ކުޑަ މުއްދަތެއްތޯ؟ މާލެ ސިޓީ ކައުންސިލް އޮބަހައްޓައިގެން ހުރިހާ ކަމަކަށް އުނދުޅި ބާނައި ހެއްދެވިއިރު މިކަން ހައްލުކުރެއްވުމަށް ވަގުތު ނުލިބުނީތޯއެވެ؟ އޭރުވެސް ޖޫރިމާނާތައް ފުލުފުލުގައި ކުރަމުން ގެންދިޔައީ ޕާކު ކުރާނެ ތަން ނުދައްކައި ކަން މަނިކުފާނު ހަނދުމަފުޅު ނެތުނީތޯއެވެ؟

އޭރުގެ ހައުސިން މިނިސްޓަރަކީވެސް މާލެ ސިޓީ ކައުންސިލަކީވެސް ހަމަ މަނިކުފާނު ނޫންތޯއެވެ. މިއަދު ޕާކުކުރާނެ ތަން ނުދައްކައި ޖޫރިމަނާ ނުކުރެވޭނެ ކަމަށް ތިޔަ ވިދާޅުވަނީ މަނިކުފާނުގެ ތާއީދުއޮތް ބަޔަކު ވެރިކަމުގައި ނެތީމައެވެ. އޭރު މުށު ތެރޭގައި އޮތް އާރާއި ބާރު ނެތުމުން ރައްޔިތުންގެ ހައްގާއި، މާލޭގެ މަގުމަތި މަނިކުފާނަށް ފެންނިވަޑައިގެން ޕާކުކުރާނެ ތަންތަން ނެތޭ ވިދާޅުވުމުގެ ހައްގު މިއަދު މަނިކުފާނަކަށް ނެތެވެ. މިއަދު އެވާހަކަ ދެއްކުމުގެ ހައްގު އޮތީ ރައްޔިތުންނަށެވެ.

ދެފައި އެއްތާކު މަޑުނުޖައްސަވައި ހުރިހާކަމަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު މަނިކުފާނަށް ބާރުލިބިފައި އޮތްއިރު މިއިން އެއްވެސް ކަމެއް ނުކުރައްވައެވެ.

ކަންކަން ނިންމުމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދަން ވިދާޅުވާއިރު މަނިކުފާނު މާލޭގެ މަގުތަކަށް ހިތުހުރި ބަދަލުތައް ގެންނެވީ އެއްވެސް ރައްޔިތަކާ މަޝްވަރާ ކުރުމެއް ނެތިއެވެ. އެއްކޮޅަށް ދުއްވާ މަގުތައް ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް، ބައެއް މަގުތައް ބަންދުކުރައްވައި، މިހުރިހާ ސަކަރާތެއް ޖެއްސެވިއިރު، އެކަމުގައި ރައްޔިތުން ވަރަށް ޝަކުވާކުރިއެވެ. އެ ޝަކުވާތަކަށް މަނިކުފާނު ދެއްވީ ބީރު ކަންފަތެކެވެ. ނުވިތާކަށް އެ ރައްޔިތުންނަށް ގޮންޖައްސަވައި މަނިކުފާނު ވަޑައިގެންނެވީ ކުރިއަށެވެ. މުޅި މާލެ ހަލާކުކުރައްވުމުން މިހާރުވެސް ރައްޔިތުންނަށް އޭގެ އުނދަގޫ ޖެހެއެވެ.

އެހެންކަމުން  މަނިކުފާނު މިއަދު ނުކުންނަވައި ރައްޔިތުންގެ ހައްގޭ ވިދާޅުވެ ވާހަކަފުޅު ނުދައްކަވާށެވެ. އެ ހައްގު މަނިކުފާނަށް މިހާރަކު ނެތެވެ. މަނިކުފާނު އެހެން ވިދާޅުވާންވެސް ހަގީގަތުގައި ލަދުގަންނަން ޖެހޭނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
0%
0%
50%
ކޮމެންޓް