ކ. މާލެ
|
17 މެއި 2017 | ބުދަ 07:20
ވޮލީބޯލް އެސޯސިއޭޝަނުން ހިންގި ވޮލީ ރެފްރީސް ރެފްރެޝާ ކޯހުގެ ބައިވެރިންނާއި ވީއޭއެމްގެ އިސްވެރިންނާއެކު
ވޮލީބޯލް އެސޯސިއޭޝަނުން ހިންގި ވޮލީ ރެފްރީސް ރެފްރެޝާ ކޯހުގެ ބައިވެރިންނާއި ވީއޭއެމްގެ އިސްވެރިންނާއެކު
ރާއްޖެއެމްވީ
ވޮލީބޯލް
ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި
މި ކޯހުގައި ޖުމްލަ 25 ރެފްރީން ބައިވެރިވި
ކޯސް ފުރިހަމަކޮށްފައި ވަނީ ޖުމްލަ 21 ރެފްރީން

ވޮލީބޯލް ރެފްރީންނަށް އަމާޒުކޮށްގެން ވޮލީބޯލް އެސޯސިއޭޝަނުން ހިންގި ވޮލީ ރެފްރީސް ރެފްރެޝާ ކޯސް ނިންމައި ކޯހުން ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި މަހުގެ 12 އިން 16 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާ އަންހެން އަދި ފިރިހެން ޖުމްލަ 25 ރެފްރީން ވަނީ ބައިވެރިވެފައެވެ. އެހެން ނަމަވެސް މި ކޯހުން ފާސްވެފައި ވަނީ ޖުމްލަ 21 ފަރާތެކެވެ.

މި ކޯހުގައި ކިޔަވާ ދީފައި ވަނީ އީރާންގެ އިންޓަނޭޝަނަލް ރެފްރީއެއް ކަމަށްވާ މަސްއޫދު ޔަޒްދާންއެވެ.

ކޯހުން ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް އަންގާރަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިފަދަ ބޮޑު ކޯހެއް ވީއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔައިރު، މިހާ ގިނަ އަދަދަކަށް ރެފްރީން ބައިވެރިވެ ސެޓްފިކެޓް ހާސިލް ކުރުމަކީ އުފާކުރާ ކަމެއް ކަމަށާއި އަދި މިއީ މުޅި ވޮލީ އާއިލާއަށް ވެސް އުފާވެރި ދުވަހެއް ކަމަށެވެ.

ލަތީފް ވިދާޅުވީ މި ކޯހުން ފާސްވި ރެފްރީންނާއި އަދި ރާއްޖޭގެ ހުރިހާ ވޮލީ ރެފްރީންނަކީ ވެސް ގުޅިގެން މަސައްކަތްކުރަން ދަންނަ ބަޔަކަށް ވާންޖެހޭ ކަމަށާއި އަދި މި ދައުރުގައި ރެފްރީންނަކީ ބާކީ ކޮށްފައި ތިބޭނެ ބައެއް ނޫން ކަމަށެވެ.

އަލަށް އިންތިހާބުވި ވޮލީގެ އެކްސްކޯ ވުޖޫދު ވެގެން އައި ފަހުން ރާއްޖެއިން ބޭރުގައި ވޮލީ ޓީމު ތަމްރީނު ހެދުމަށް ކުރި ކޮންމެ ދަތުރެއްގައި ވޮލީ ރެފްރީންނަށް ވެސް ވަނީ ބައިވެރިވުމުގެ ފުރުސަތު ވީއޭއެމުން ތަނަވަސްކޮށްދީފައެވެ. އަދި ބޭރުގައި ބާއްވާ ބައެއް މުބާރާތްތަކުގައި ތަމްސީލުކުރުމުގެ ފުރުސަތުތައް ވީއޭއެމުން ވަނީ ރެފްރީނަށް މަގުފަހިކޮށްދީފައެވެ.

ވޮލީ ރެފްރީސް ރެފްރެޝާ ކޯހުގެ އިތުރުން މިއަހަރު ހިންގި ވޮލީ ބޭސިކް ރެފްރީ ދެ ކޯހެއްގެ ބައިވެރިންނަށް ވެސް ވަނީ މި ހަފްލާގައި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

- ކޮމެންޓް