ކ. މާލެ
|
21 ޖުލައި 2021 | ބުދަ 19:39
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕޮގްބާ ހޯދަން މަސައްކަތް ކުރުން
ޕޮގްބާ ހޯދަން ޕީއެސްޖީން 50 މިލިޔަން ޕައުންޑް ޚަރަދުކުރަނީ
 
ޕީއެސްޖީއަށް ޚަރަދުކުރެވޭނީ އެ ޓީމުގެ ބައެއް ކުޅުންތެރިން ވިއްކާލުމަށްފަހު
 
ޕޮގްބާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދުމަށް ގަތުމަށް ޕީއެސްޖީން 50 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ޕޮގްބާ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ މި އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންވާނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތުމުން، އެ ފުރުސަތުގެ ބޭނުން ހިފައި އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގައި ބެހެއްޓުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.

އެކަމަކު މީގެ ކުރިން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ މިހާރު ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، މީހުން ބޭނުންވާ ވަރަށް އޭނާއަށް މިހާރު ޔުނައިޓެޑުގައި ނުކުޅެވޭ ކަމަށް ބުނެފައެވެ. އަދި އެއީ އޭނާވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށްވެސް ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕޮގްބާ ޕީއެސްޖީއަށް ގެންދަން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވެއެވެ. އެހެންކަމުން ޕޮގްބާ ހޯދުމަށް އެ ޓީމުން މަސައްކަތްކުރަމުން އަންނައިރު، އޭނާ ގަތުމަށް ޕީއެސްޖީން 50 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އެ އަދަދަށް ޕީއެސްޖީއަށް ޚަރަދުކުރެވޭނީ އެ ޓީމުގެ ބައެއް ކުޅުންތެރިން ވިއްކާލުމަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ޕޮގްބާގެ އޭޖެންޓް ރައިއޯލާ ވަނީ ޕޮގްބާ ޔުނައިޓެޑާއެކު އައު އެއްބަސްވުމެއް ދެން ނަހަދާނެ ކަމަށް ބުނެފައެވެ. އެހެންކަމުން ޕޮގްބާގެ ވިސްނުން ހުރީ މި ޓްރާންސްފާގައި ކުލަބު ބަދަލުނުކޮށް، އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ކުލަބު ބަދަލުކުރުމަށް ކަމަށްވެސް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، ޕީއެސްޖީގެ އިތުރުން ރެއާލް މެޑްރިޑާއި ޔުވެންޓަސްއިންވެސް އަންނަނީ ޕޮގްބާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ. ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
0%
33%
33%
0%
0%
ކޮމެންޓް