ފުވައްމުލައް ސިޓީން އިތުރު 4 ދިވެހިން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އާދިއްތަ ދުވަހުގެ ހަވީރު 5:00ން ހޯމަ ދުވަހުގެ ހަވީރު 5:00ށް 44 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ. އަދި އިތުރު 4 ދިވެހިން ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 54 އެކްޓިވް ކޭސް ހިމެނޭއިރު، އެއީ 41 ދިވެހިންނާއި 13 ބިދޭސީން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 823 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 770 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ޚާއްސަ ސަމާލުކަމެއް ދީގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، މިހާތަނަށް 18،334 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. މިވަގުތު 731 ގެއެއް މޮނިޓަރިންއަށް ލާފައިވާއިރު، ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި 304 މީހަކު ފާހަގަކުރެވިފައިވެއެވެ. އަދި ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލުން ބުނީ ކޮވިޑް-19ން ދިފާއުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ބާރު އަޅާކަން ފާހަގަކޮށް ހޮސްޕިޓަލުން ބުނީ މިހާތަނަށް 4352 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި 5941 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ.
ފުވައްމުލައް ސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ބަލީގެ ހާލަތު ރަނގަޅުވަމުން އަންނާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.