އިންޓަރ އޮފީސް ވޮލީ މުބާރާތުގައި ޤަވާއިދާ ޚިލާފަށް ކުޅުންތެރިން ކުޅެމުންދާ ކަމަށް ބުނެ، ރާއްޖޭގެ މީޑިއާ އަކުން އާންމުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެކަން އެގޮތަށް ހިނގަމުން ނުދާކަމަށް ބުނެ ވޮލީބޯލް އެސޯސިއޭޝަނުން އެ ޚަބަރު ދޮގުކޮށްފިއެވެ.
ވީއޭއެމުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މުބާރާތުގައި ބައިވެރިވެފައިވާ ހުރިހާ ޓީމްތަކުންވެސް މުބާރާތުގައި ބައިވެރިވެ، ކުޅެމުންދަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ޔޫތް މިނިސްޓްރީގެ ޓީމާ ގުޅޭގޮތުން ހުށައެޅުނު އެ މައްސަލަ ބެލުމަށް މައްސަލަ ހުށައެޅިއިރު އެ މިނިސްޓްރީއަށް އޮތް މެޗުވެސް ފަސްކޮށް އެކަން ސާފުކުރި ކަމަށް ވީއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ޔޫތް މިނިސްޓްރީން މައުލޫމާތު ސާފްކުރިއިރު އެ މިނިސްޓްރީގެ ޓީމަށް މިނިސްޓްރީގެ މުވައްޒަފުން ނޫން ކުޅުންތެރިއަކު ކުޅެފައިނުވާކަން ސާފްވި ކަމަށްވެސް ވީއޭއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މި މުބާރާތުގައި ކުޅެވެނީ އޮފީސް ނުވަތަ ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް އެކަންޏެވެ.
އެސޯސިއޭޝަނުން ބުނީ މި ޚަބަރު ފެތުރިއިރު އެސޯސިއޭޝަނާއި މިނިސްޓްރީގެ ބަހެއް ހޯދާފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.