މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މާކަސް ރެޝްފާޑުގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ރެޝްފޯޑުގެ ކޮނޑުހުޅުގައި މައްސަލައެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެކަމަކު އޭނާ އޮޕަރޭޝަނެއް ކުރަން ބޭނުންވީ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޔޫރޯގައި އިންގްލެންޑުން ކުޅުނު އެއްވެސް މެޗެއްގައި ރެޝްފޯޑަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައި ނުވާއިރު، ފައިނަލް މެޗުގައި ޕެނަލްޓީއާ ދިމާކޮށް އޭނާ ވަނީ ކުޅެން އަރުވާފައެވެ. އެކަމަކު އޭނާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ރެޝްފޯޑުގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކުރާނެ ކަމަށް ބެލެވުނުއިރު، އެ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ދެ މަހެއްހާ ދުވަހު އޭނާއަށް ނުކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ ރެޝްފޯޑުގެ ކޮނޑުހުޅު އޮޕަރޭޝަން ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެކަން ނިންމާނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށްފަހު ކަމަށެވެ. އަދި އުއްމީދަކީ އެ އަނިޔާއިން ރަނގަޅުވެ އަންނަ ސީޒަނުގައި ރެޝްފާޑުގެ އެންމެ މޮޅު ކުޅުން ފެނިގެންދިޔުން ކަމަށްވެސް ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ރެޝްފޯޑުގެ ކޮނޑުހުޅުގައި މައްސަލައެއް ހުރިކަން ފާހަގަވި ނަމަވެސް، މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ރެޝްފޯޑް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ނިމިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ރެޝްފޯޑް ވަނީ ކުޅުނު 37 މެޗުގައި 11 ލަނޑު ޖަހާފައެވެ.
އިނގިރޭސި ޕުޓްބޯޅަ ސީޒަން އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހު ފަށާއިރު، ޔުނައިޓެޑުން މިހާރު އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.