ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 20:20
އިނގިރޭސިވިލާތުގެ ލެބޯޓްރީއެއްގައި ސައިންސްވެރިންތަކެއް، ކޮވިޑާ ގުޅޭ ދިރާސާތަކެއް ކުރިޔަށް ގެންދަނީ
އިނގިރޭސިވިލާތުގެ ލެބޯޓްރީއެއްގައި ސައިންސްވެރިންތަކެއް، ކޮވިޑާ ގުޅޭ ދިރާސާތަކެއް ކުރިޔަށް ގެންދަނީ
ރޮއިޓަރސް
ކޮވިޑް-19އާ ގުޅޭގޮތުން ކުރިޔަށްގެންދާ ދިރާސާތައް
ދިގުމުއްދަތަކަށް ކޮވިޑްގެ އަސަރު ހުންނަގޮތާ ގުޅޭގޮތުން ކުރިޔަށްގެންދާ 15 ދިރާސާއަކަށް އިނގިރޭސިވިލާތުން އެހީތެރިވަނީ
މިދިރާސާތަކުގެ އަލީގައި ކޮވިޑަށް ދޭނެ އެންމެ ރަނގަޅު ފަރުވާއާއި ކޮވިޑްގެ ބަލިމީހުންނަށް ދިގުމުއްދަތަކަށް ދޭނެ ފަރުވާއާ ގުޅޭގޮތުން ދެނެގަނެވޭނެ
ދިގުމުއްދަތަކަށް ކޮވިޑްގެ އަސަރު ހަށިގަނޑުގައި ހުންނަ މީހުންނަށް، ވަރުބަލިވުމާއި ވިސްނުމަށް ބޮޑެތި އަސަރުތަކެއް ކުރުވުމުގެ އިތުރުން، ނޭވާލަން އުނދަގޫވޭ
މިމަޝްރޫޢުތަކަށް އިނގިރޭސި ސަރުކާރުން 27.54 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައި

ކޮވިޑް-19ށް ދޭ ފަރުވާތަކާއި ދިގުމުއްދަތަކަށް ކޮވިޑްގެ އަސަރު ހުންނާތީ ދޭ ފަރުވާތަކާ ގުޅޭގޮތުން ކުރިޔަށްގެންދާ މުޅިން އައު 15 ދިރާސާއަކަށް އިނގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފިއެވެ.

މިދިރާސާތަކުގައި އިނގިރޭސިވިލާތުން އެހީތެރިވެދިނުމަށް އެއްބަސްވެފައިވަނީ، ކޮވިޑްގެ އަލާމާތްތަކުގެ ގޮތުގައި ބެލެވޭ އެތައް ކަމަކާއި އެތައް މަސްތަކެއްވަންދެން ކޮވިޑްގެ އަސަރު ހުންނަ ހުރުމާމެދު ދިރާސާތައް ކުރިޔަށް ގެންދިޔުމަށް ޝަރުތުކުރުމަށްފަހުއެވެ. މިމަޝްރޫޢުތަކަށް އިނގިރޭސި ސަރުކާރުން 27.54 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދިރާސާތަކުގެ އަލީގައި ކޮވިޑަށް ދޭނެ އެންމެ ރަނގަޅު ފަރުވާއާއި ކޮވިޑްގެ ބަލި މީހުންނަށް ދިގުމުއްދަތަކަށް ދޭނެ ފަރުވާއާ ގުޅޭގޮތުން ދެނެގަނެވޭނެއެވެ.

ދިގުމުއްދަތަކަށް ކޮވިޑްގެ އަސަރު ހަށިގަނޑުގައި ހުންނަ މީހުންނަށް، ވަރުބަލިވުމާއި ވިސްނުމަށް ބޮޑެތި އަސަރުތަކެއް ކުރުވުމުގެ އިތުރުން ނޭވާލާން އުނދަގޫވެ، މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް މާހިރުން ބުނެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ހެލްތު ރިސަރޗްގެ ލޯންގް ކޮވިޑާއި ގުޅޭ ފަންޑިންގ ކޮމިޓީގެ ޗެއަރ ނިކް ލިމޮއިން ވިދާޅުވީ މިދިރާސާގެ އަލީގައި، ކޮވިޑް ޖެހުމުން ދިގު މުއްދަތަކަށް ބަލީގެ އަސަރު ތަހައްމަލު ކުރަމުންދާ މީހުންނަށް ދޭނެ ފަރުވާ ދެނެގަނެވޭނެއެވެ.

މީގެ އެއް ދިރާސާކުރިޔަށް ގެންދިޔުމަށްޓަކައި ޔުނިވަރސިޓީ ކޮލެޖް ލަންޑަންއިން، ދިގުމުއްދަތަކަށް ކޮވިޑްގެ އަސަރު ހުންނަ މީހުންގެ 4500 މީހުން ބޭނުންކުރާނެއެވެ. އެކި ކަހަލަ ބޭސްތައް ދީގެން އެމީހުންނަށް އަންނަ ބަދަލުތައް ތިން މަސް ދުވަސް ވަންދެން ބަލަމުން ގެންދާނެއެވެ. އަދި އެމީހުންގެ ނަފްސާނީ ބަލިމަޑުކަމަށް އަންނަ ކުރިއެރުންތަކާއި އަލުން އަނބުރާ މަސައްކަތަށް އައުމުގެ ކަންކަން ހުންނަ ގޮތް ބަލަމުންދާނެއެވެ.

މީގެއިތުރުން އެމްއާރުއައި ސްކޭން ބޭނުންކުރުމުގެ އިތުރުން ހަލާކުވެފައިވާ ގުނަވަންތަކަށްވެސް ފަރުވާދޭނެއެވެ.

ކަރޑިފް ޔުނިވަރސިޓީން ކުރިޔަށްގެންދާ މި ދިރާސާގައި ބަލާލާނީ ކޮވިޑްގެ ސަބަބުން ދިފާއީ ނިޒާމަށް އަންނަ ބަދަލުތަކަށެވެ. އޮޮކްސްފޯރޑުން ކުރިޔަށްގެންދާ ދިރާސާގައި، މިބައްޔަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާ އާއި، ނޭވާލާން އުނދަގޫވާ ސަބަބުތައް ދެނެގަންނާނެއެވެ. އަދި އޮބޭސިޓީ ހުންނަ މީހުންނަށް، ދިގު މުއްދަތަކަށް ކޮވިޑްގެ އަސަރު ހުރުމުގެ ސަބަބުން އަންނަ ބަދަލުތައް ދެނެގަންނާނެއެވެ.

އިނގިރޭސި ސަރުކާރުން ވަނީ މީގެކުރިން 100 މިލިއަން ޕައުންޑް، ދިގުމުއްދަތަކަށް ކޮވިޑް ހުންނަ މީހުންނާ ގުޅޭގޮތުން ކުރިޔަށް ގެންދާ ދިރާސާތަކަށް ޚަރަދުކުރުމަށް ދޭނެކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ ސާޖިދު ޖާވީދު ވިދާޅުވީ، މި އައު ދިރާސާތަކުގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަންނަން އެހީތެރިކަން ލިބޭނެކަމަށެވެ. ވަކިން ޚާއްސަކޮށް މިބައްޔަށް ފަރުވާދޭނެ ގޮތްތަކާއި ގުޅޭގޮތުން އިތުރަށް ދެނެގަނެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް