ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 13:59
ދަފި ނެގުމާއި ކޯޑި ކެނޑުމާއި މާލި ނެރުމަކީ އޭރުވެސް އަދި މިހާރުވެސް ކުރަމުން އަންނަ ކަމެއް
ދަފި ނެގުމާއި ކޯޑި ކެނޑުމާއި މާލި ނެރުމަކީ އޭރުވެސް އަދި މިހާރުވެސް ކުރަމުން އަންނަ ކަމެއް
ޝުއައިބް މުހައްމަދު އިގްބާލް
ބޮޑު އީދު ދުވަސް
ތާރީޚާއި ހަނދާނުގެ ތެރެއިން ބޮޑު އީދު- ބަދަލުވުމެއްނެތް ފޯރި
 
އީދު ފާހަގަކުރުމަށް ބައެއް މީހުން ކޮށްއުޅުނު ކަންކަން ކޮންމެވެސް ވަރަކަށް ބަދަލުވި ނަމަވެސް އީދު ފޯރި ބަދަލެއް ނުވޭ

ޒަމާން ބަދަލުވެއްޖެއެވެ. ދުނިޔޭގެ ހާލަތު ވެސް ބަދަލުވެއްޖެއެވެ. އެވޭލާއިން މިވޭލާއަށް އައިއިރު ދިވެހިންގެ އުޅުމާއި ކުރަމުންއައި ކަންކަމަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހުރިޙާ ކަމެއް ބަދަލުވީއިރު ވެސް ބަދަލުނުވާ އެއް ކަމެއް އޮތް ކަމަށް ހުރިހާ ދިވެހިން ވެސް އެއްބަސްވާނެއެވެ. ދިވެހިންނަށް އީދު އައުމުން އެ ލިބޭ ހިތްހަމަޖެހުމާއި އެ ނަގާ ފޯރިއަކަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އީދު ފާހަގަކުރުމަށް ބައެއް މީހުން ކޮށްއުޅުނު ކަންކަން ކޮންމެވެސް ވަރަކަށް ބަދަލުވި ނަމަވެސް އީދު ފޯރިއަށް ބަދަލެއް ނާދެއެވެ.

ސަތާރަވަނަ ގަރުނުގެ ކުރީކޮޅު ރާއްޖެއަށް ދަތުރު ކުރި ފަރަންސޭސިއެއް ކަމުގައިވާ ފްރާންސްވާޕިރާޑުގެ ލިޔުންތަކުން ހާމަވާގޮތުގައި އޭރުވެސް ދިވެހިން މިހާރެކޭ އެއްފަދައިން އީދު ނަމާދަށް ދިއުމަށްޓަކައި ފެންވަރައި ނަލަ ހެދެއެވެ. އީދުދުވަހު އާހެދުމެއް ލުމަކީ ސުންނަތަކަށްވުމާއެކު މިއީ ދިވެހިންގެ އާދަކަދައިގެ ތެރޭގައި ވެސް ހިމެނޭ ކަމަށެވެ. މިހާރަށް ބަލާއިރު މިސްކިތުގެ އިތުރުން ބޮޑު ޖަމާއަތް ހަދައިގެން ނަމާދު ކުރިނަމަވެސް އޭރު އީދު ނަމާދު ކުރަމުން ގެންދިޔައީ މިސްކިތުގައެވެ.

އެޒަމާނަށް ބަލާއިރު އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވީ ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނެވެ. ކަލާފާނު ރަސްމީ ހެދުންކޮޅުގައި އީދު ނަމާދު ކުރެއްވުމަށްފަހު މިސްކިތުން އެނބުރި ގަނޑުވަރަށް ވަޑައިގަންނަވާނީ ފުރިހަމަ އިއްޒަތުގައެވެ. ރަސްގެފާނު އަރިހުގައި ދައުލަތުގެ ބޮޑުންނާއި އިއްޒަތްތެރިން ވެސް ވަޑައިގަންނަވައެވެ. ބޮޑުބަޑީގެ އިތުރުން އަދި އެހެން ބަޑިތަކެއް ޖަހަމުން ގޮސް ގަނޑުވަރުގެ ދޮރޯއްޓާ އަރާ ހަމަވުމުން ރަދުންގެ ކުރިފުޅުމައްޗަށް ޖަނަވާރުން ގެނެސް މިޖަނަވާރު ރަދުންގެ ކުރިފުޅުމަތީގައި ކަތިލައެވެ.

ރަސްކަލުންގެ ޒަމާނުން ރިޔާސީ ނިޒާމަކަށް ގައުމު ބަދަލުވެ ހިންގަމުން އަންނައިރު ގައުމުގެ ރައީސްގެ ކުރިމަތީގައި މިފަދައިން ގުރުބާން ކަތިނުލި ނަމަވެސް މިހާރުވެސް އަޟްހާ އީދާ ދިމާކޮށް ގުރުބާނީގެ ގޮތުގައި ޖަނަވާރުން އަންނަނީ ކަތިލަމުންނެވެ. ޕިރާޑުގެ ފޮތުގައި ވަނީ މި ގުރުބާނީގެ ރަސްމިއްޔާތު ނިމެނީ ކަތިލެވުނެ ޖަނަވާރުގެ މަސް ކުދިކޮށް ކޮށައި ދައުލަތުގެ ބޮޑުންނާއި ކަމުވޮށިގެންވާ މީހުންނާއި އަދި ރަދުން ދެއްވާ ހިތްޕުޅުވާ މީހުންނަށް ބަހައި ނިމުމުން ކަމަށެވެ. މިޒަމާނަށް ބަލާއިރު މިހާރު ވެސް ގުރުބާން ކަތިލުމަށް ފަހު އަންނަނީ މީހުންނަށް ބަހަމުންނެވެ.

އީދު ނަމާދުން ފޭބުމަށްފަހު ނަމާދުން އަންނަ މީހުންނަށް ސައިހެދުމުގައި އަންހެން ވެރިން އުޅޭއިރު އެވަގުތަކީ ހަދިޔާ ބަދަލުކުރުމުގެ ވަގުތެއްވެސްމެއެވެ. މިއީ މިހާރުވެސް ބައެއް ހިސާބުތަކުގައި ކުރަމުން އަންނަ ކަމަކަށް ވާއިރު އޭރުވެސް މިހާރުވެސް ރަށްރަށުގައި އެއް ގެއިން އަނެއް ސައިބޯ އެއްޗެހި ގެންދިއުމާއި އީދު ބޯކިބާ ގެންދިއުމަކީ ކޮށްއުޅޭ ކަންކަމެވެ. ދެން އޮންނަނީ ފެންކުޅީގެ ފޯރިއެވެ. ރަށުގެ ކުދިބޮޑު އެންމެން ހިމެނޭހެން ފެންކުޅިކުޅުމަކީ ޒަމާނުއްސުރެ ވެސް ދިވެހިން ކުރަމުން އަންނަ ކަމެވެ. ފެން ކުޅިއަކީ އީދަށް އެންމެ ހާއްސަ އެއް ކުޅިވަރެވެ. ކުރިއާ ޚިލާފަށް ފެން ކުޅިއާއެކު މިހާރު ކުލަ ޖެހުން ވެސް ވަނީ ތައާރަފުވެފައެވެ. މިކަމަކީ އަވަށްޓެރި އިންޑިއާއިން ދިވެހިން ދަސްކުރި ކަމެއް ކަމަށް ބައެއް ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ބުނެއެވެ.

އީދާ އެންމެ ބޮޑަށް ކުޅިފައިވާ ކަމަކީ ހަމަ ޔަގީނުން ވެސް ކެއުމެވެ. ކެއުމުގެ ތެރެއިން ވެސް މެންދުރުގެ ކެއުމަކީ ޚާއްސަ ވަގުތުކޮޅެކެވެ. އެވޭލާ ޒަމާނަށް ބަލާއިރު އާންމު ގޮތެއްގައި ގިނަ ގޭގޭގައި ކުކުޅު ގެންގުޅެއެވެ. ކުކުޅު ނުގެންގުޅޭ ގޭގެއިން އެހެން މީހުން އަތުން ކުކުޅު ގަނެގެން ވެސް ކުކުޅު ކަތިލައެވެ. އެޒަމާނުގައި އެއީ މަޖުބޫރު ކަމެކެވެ. ކުކުޅު ކަތިލަން ވެސް ރަށުގައި ޚާއްސަ މީހަކު ހުރެއެވެ. މިހާރަށް ބަލާއިރު ބައެއް ރަށްރަށުގައި ކުކުޅުގެ ބަދަލުގައި ބަކަރި ކަތިލައެވެ. އަދި އެއަށްފަހު އަވަށްޓެރިނާ އެކު ބަކަރި މަހުން ރިހަ ކެއްކުމަށް ފަހު ބޮޑު ކޭމެއް ތައްޔާރު ކުރެއެވެ.

މެންދުރުގެ އީދު ކޭމަށްފަހު ދެން އޮންނަނީ ކުޅިވަރުގެ ކަންކަމެވެ. ފޯރީގައި ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ހިންގާއިރު ދަފި ނެގުމާއި ކޯޑި ކެނޑުމާއި މާލި ނެރުމަކީ އޭރުވެސް އަދި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ދަފި ނެގުމުގައި އަންހެނުންނާއި ފިރިހެނުން ވެސް ނެށުމުގެ ފޯރީގައި ޖިންސު ތަފާތު ކުރުމެއް ނެތި ބައިވެރިވެއެވެ. މާލި ނެރުމަށް ބަލާލާއިރު މިއީ އޭގެ އަސްލު އެނގެން ނެތް ކުޅިވަރެކެވެ. ނަމަވެސް މި ކުޅިވަރު އީދުގައި ނުކުޅޭ ހަނދާނެއް ހުންނާނެހެން ހިއެއް ނުވެއެވެ. މީގެ އިތުރުން ކޯޑި ކެނޑުމަށް ބަލާއިރު މިއީ އެންމެ ފޯރިގަދަ އެއް ކުޅިވަރުކަން ފާހަގަ ކޮށްލެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކުޅިވަރު ކުޅެމުން އަންނަނީ ތަފާތު ގޮތްގޮތަށެވެ.

މިކުޅިވަރުތަކުން އަދި އީދުގެ ފޯރިއަކަށް ނިމުމެއް ނާދެއެވެ. ރޭގަނޑުގެ ވަގުތުގައި އީދު ޝޯ ބޭއްވުމާއި ބޮޑުމަސް ދުއްވުމަކީ ވެސް ކުރަމުން އަންނަ ކަމެކެވެ. މިއީ ވެސް އެހާ ފޯރިގަދަ ކަންކަމެވެ. އީދުގެ މުނާސަބަތާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް ދެ ދުވަސް ނުވަތަ ތިން ދުވަހަށް ދެމިގެންދެއެވެ. މި ކަންކަމުން ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. އޭރުވެސް، މިހާރުވެސް ދިވެހިންނަކީ މުއްސަނދި ސަގާފަތެއްގެ ވެރި އެއްބައިވަންތަ ބައެއް ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
50%
0%
0%
ކޮމެންޓް