ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 12:47
ފުވައްމުލައް ހޮސްޕިޓަލް،
ފުވައްމުލައް ހޮސްޕިޓަލް،
ފުވައްމުލަކު ހޮސްޕިޓަލް
ތިން ސިޒޭރިއަންއަކުން މައްސަލަ ދިމާވުން
ފާއިތުވި ދެމަހުގެ ތެރޭގައި ކުރި ތިން ސިޒޭރިއަންގައި ވެސް މައްސަލަ ދިމާވި: ކައުންސިލް
 
މިހާރު ހުރި އަންހެނުންގެ ޑޮކްޓަރުގެ ބަދަލުގައި އެހެން މީހަކު ހަމަޖައްސައި ދިނުމަށް ވެސް އެދިފައިވޭ
 
ޑޮކްޓަރު މަސައްކަތުން އެކަހެރިކުރުމަށް އެދިފައިވޭ
 
ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކޮށް ވަނީ މަޝްވަރާކޮށްފައި

ފުވައްމުލަކު ހޮސްޕިޓަލުގައި ބަލި މީހުން ބަލާ އަންހެނުންގެ ޑޮކްޓަރު، ފާއިތުވި ދެމަހުގެ ތެރޭގައި ކުރި ސިޒޭރިއަން އޮޕަރޭޝަންތަކުގެ ތެރެއިން ތިން އޮޕަރޭޝަނެއްގައި މައްސަލަ ދިމާވެ، މާލެ ފޮނުވަން ޖެހުނު ކަމުގައި ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ފޮތިގަނޑެއް ނެގި މައްސަލަ ހެލްތް މިނިސްޓްރީން ބަލަމުންދާ ދަނޑިވަޅެއްގައި ފުވައްމުލައް ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ފަރާތުން މާބަނޑުމީހުންނާއި ދަރިންގެ ފުރާނަޔަށް ގެއްލުންވާފަދަ ބައެއް ހާދިސާތައް ހިނގަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ 15 ޖުލައި 2021 ވީ ބުރާސްފަތި ދުވަހު ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކޮށް މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ޑޮކްޓަރާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ކަންބޮޑުވާވަރުގެ ވާހަކަތަކެއް ކަމަށާއި، ފާއިތުވި ދެމަސްދުވަހުގެ ތެރޭ ކުރި ސިޒޭރިއަން އޮޕަރޭޝަންތަކުގެ ތެރެއިން ތިން ކޭހެއްގައި މައްސަލަ ދިމާވެ މާލެ ފޮނުވަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އަންހެނުންގެ ޑޮކްޓަރުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވެދާނެތީ އޭނާ ވަގުތުން ވަގުތަށް މަސައްކަތުން އެކަހެރިކުރުމަށް ހެލްތް މިނިސްޓްރީ އަދި ހޮސްޕިޓަލުގެ މެނޭޖްމަންޓުގައި އެދިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާޔަށް ހުރުމާއިއެކު، މިހާރު ހުރި އަންހެނުންގެ ޑޮކްޓަރުގެ ބަދަލުގައި އެހެން މީހަކު ހަމަޖައްސައި ދިނުމަށް ވެސް ހެލްތް މިނިސްޓްރީގައި އެދިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިމައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަމާލުކަމަށް ގެނެވިފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ މިކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރާއި ދިވެހިރާއްޖޭގެ ނާއިބުރައީސް އަދި ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިފަދަ ކަންތައްތައް ތަކުރާރުވުމަކީ، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، މުޖްތަމައުގެ ހަމަޖެހުން ގެއްލިގެންދާނެ ފަދަ ކަންތައްތަކަށްވާތީ، މިކަންތައްތަކަށް ހައްލު ހޯދައިދޭން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ސިއްހީ ޚިދުމަތް އޭގެ އެންމެ މަތީ ދަރަޖައަށް ފޯރުކޮށްދިނުމަށް ވެސް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
100%
0%
0%
0%
ކޮމެންޓް