ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި މާލެ ސަރަހައްދުން ވެކްސިން ޖެހުން މެދުކަނޑާލި ނަމަވެސް އެމަޖެންސީ ހާލަތުގައި ވެކްސިން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ރާއްޖެއެމްވީ އަށް ވިދާޅުވީ އީދަށް ވެކްސިން ޖެހުން މެދުކަނޑާލާއިރު ސަރުކާރުން ދީފައިވާ ބޮޑު ޗުއްޓީ އެކީގައި ވެކްސިން މެދުކެނޑޭނެ ކަމަށެވެ. ދެން ވެކްސިން ޖެހުން ރަސްމީކޮށް ހުޅުވާލާނީ ޖުލައި 26ގެ ބަންދަށް ފަހު މި މަހުގެ 30 ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.
ތަސްލީމާ ވިދާޅުވީ ބަންދުގައި ވެސް އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ވެކްސިން ޖެހޭނެ ކަމަށެވެ. އެގޮތުން ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެ ނަމަ ވެކްސިން ޖެހޭނެ ކަމަށެވެ. އަދި ދުވަސް ހަމަވާ ފަދަ ހާލަތްތަކުގައި ވެސް ވެކްސިން ޖެހުމުގެ ފުރުސަތު އެމީހަކަށް ލިބޭނެ ކަމަށާއި، އެޗްއީއޯސީގެ ހޮޓްލައިން އަދި ވެކްސިންގެ އެޕޮއިންމަންޓް ހައްދާ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމުން ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހު އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ފުރަތަމަ ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ އަދި މާޗުމަހުގެ ތެރޭގައި ވެކްސިން ޖެހި މީހުންނަށެވެ. އެއަށްފަހު މިހާރު ވަނީ އޭޕްރީލް މަހާއި މެއި މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު ވެކްސިން ޖަހާ މީހާއާ ބެހޭ މައުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެ ކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، ފޯނަށް ލިބޭ އެސް.އެމް.އެސް، ވެކްސިން ސެންޓަރަށް ދަންކަންޖެހޭނެކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.