ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 19:27
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއެކު ރައީސުލްޖުމްހުރިއްޔާ ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއެކު ރައީސުލްޖުމްހުރިއްޔާ ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސާލިހު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
 
އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ނިމި ޚިދުމަތް ލިބިގެންދާނެ ކަމަށް ވިދާޅުވި
 
އައު ހޮސްޕިޓަލުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެވުނު
 
ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސާލިހު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުއްޓަށް ވަޑައިގަތީ ހުކުރު ދުވަހު ހަވީރުއެވެ. މި ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ތިލަދުންމަތީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވި ބައްދަލުވުމެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި އެ ސިޓީގެ މޭޔަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ސިޓީގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތް މުޅި އަތޮޅުގެ ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވަނީ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށި ސިޓީއަކީ އެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި ރާއްޖޭގެ 5 ސަރަޙައްދުގައި 5 ޓާޝަރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިކަމުގެ ސަބަބުން ސިއްހީ ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެކަމަށާއި އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮސްޕިޓަލްގެ ތަރައްގީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ޚިދުމަތްފަދަ ގިނަ އައު ޚިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުހަލާގައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
100%
0%
0%
0%
ކޮމެންޓް