ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 03:07
އޮމްބަޑްސްޕާރސަން އޮފީސް
އޮމްބަޑްސްޕާރސަން އޮފީސް
ރާއްޖެއެމްވީ
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް މަހެއްގެ ތެރޭގައި 59 މައްސަލަ
 
މައްސަލަތައް ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 13ން ފެށިގެން މި މަހު 13ށް
 
އެންމެ ގިނައީ ބޯހިޔާވަހިކަމުގެ މައްސަލަތައް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް އެއް މަސް ތެރޭގައި 59 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ކުރީގެ ސަރުކާރުތަކުގައި އެކި ފަރާތްތަކަށް ލިބުނު ގެއްލުމަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް އެ އޮފީހުން އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 54.24 އިންސައްތަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ.

މީގެ އިތުރަށް މަސައްކަތްކުރުމުގެ ހައްގާ ގުޅޭ 20.34 އިންސައްތަ މައްސަލަ ހުށަހޅާފައިވާއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 8.47 އިންސައްތަ މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރަށް ހުށަހަޅާފައިވަ މައްސަލަތަކުގެ ތެރެއިން 6.78 އިންސައްތަ އަކީ މުދާ ހޯދައި ލިބިގަތުމާ ގުޅޭ މައްސަލަތެކެވެ. އަދި 3.39 އިންސައްތައަކީ އުނގެނުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. ގާނޫނާއި ހިލާފަށް ހައްޔަރު ކުރުމާއި ގުޅިގެން ވެސް 3.39 އިންސައްތަ މައްސަލަ ހުށަހަޅާފައިވެއެވެ.

ހުށަހަޅާފައިވާ މައްސަލަތަކުގެ 1.69 އިންސައްތަ ހިއްސާކުރަނީ ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. އަދި 1.69 އިންސައްތަ މައްސަލައަކީ ޒާތީ ދިރިއުޅުމާއި ގުޅޭ މައްސަލަތަކެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަނީ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ނުވަތަ މަސައްކަތްކުރަމުން އަންނަ މީހެއްގެ ކިބައިން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ. އެފަދަ މައްސަލަތައް ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 13ން ފެށިގެން މި މަހު 13ށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް