އަޒަރުބައިޖާންގެ ބަކޫގައި ކުރިޔަށްދާ ހަތަރުވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އެއް ނަމްބަރު ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުގައި އޭނާ ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
އަންގާރަ ދުވަހު މެންދުރު ކުރިޔަށްދިޔަ 100 މިޓަރު ދުވުމުން ސާއިދު ވަނީ 10.40 ސިކުންތުން ރޭސް ނިންމާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ ތުރުކަމިނިސްތާންގެ ދުވުންތެރިޔާ ރަމިލް ގުލިއެވް އެވެ. މި ހީޓުގައި ޕާކިސްތާން، ޔޫއޭއީ އަދި ބަހުރޭންގެ ދުވުންތެރިން ވެސް ވަނީ ވާދަކޮށްފައެވެ.
ހުރިހާ ހީޓެއްގެ ނަތީޖާތަކަށް ބަލާއިރު، ސާއިދު ދިޔައީ ރޭންކިންގެ ފަސްވަނަ އަށެވެ. ރޭންކިންގެ އެއްވަނަ ހޯދާފައި ވަނީ ބަހުރޭންގެ ފިޝާ އެންޑްރިއު އެވެ. އޭނާ ރޭސް ނިންމާފައި ވަނީ 10.20 ސިކުންތުންނެވެ. ސަތޭކަ މީޓަރު ދުވުމުން ރާއްޖޭގެ ސަރީސް އަހުމަދު ވާދަކޮށް ދިޔައީ ހީޓުގެ ފުލަށެވެ. އޭނާ ރޭސް ނިންމާފައިވަނީ 11.28 ސިކުންތުންނެވެ.
ސާއިދު 100 މީޓަރު ދުވުމުގެ ސެމީފައިނަލްގައި ވާދަކުރާނީ އަންގާރަ ދުވަހު އިރުއޮއްސި ރާއްޖެ ގަޑިން 18:45 ގައެވެ.
މި މުބާރާތުގައި ރާއްޖޭގެ ދުވުންތެރިން ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރާއި 200 މީޓަރާއި 1500 މީޓަރު އަދި 5000 މީޓަރު ދުވުމުގައެވެ. މީގެ އިތުރުން 400 މީޓަރު ރިލޭގައި ވެސް ރާއްޖެއިން ވާދަކުރާނެ ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
އެތުލެޓިކްސްގެ އިތުރުން މިފަހަރުގެ ގޭމްސްގައި ދެން ބައިވެރިވާ ކުޅިވަރުތަކަކީ ސްވިމިންގ، ޓޭބަލް ޓެނިސް، ޓެނިސް އަދި ޝޫޓިން އެވެ.
ޖުމްލަ 15 އެތުލީޓުން ހިމެނޭ މި ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސައީދު މުހައްމަދެވެ. އަދި ޑެޕިއުޓީ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު މުއުމިނާ އާދަމެވެ.
މީގެ އިތުރުން މިފަހަރުގެ ގޭމްސްގެ މެޑިކަލް އޮފިސަރަކަށް ހަމަޖައްސާފައި ވަނީ ގިނަ ގޭމްސްތަކެއްގައި އެ މަގާމު ފުރާފައިވާ މަޝްހޫރު ޑޮކްޓަރ މުހައްމަދު ފަޔާޒް ރިޒާ އެވެ.