ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފެޑެރީކޯ ކިއޭސާ ހޯދުމަށް ޗެލްސީން ބިޑް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔުވެންޓަސް އާއިއެކު ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކިއޭސާ ހޯދުމަށް ޔޫރަޕްގެ ގިނަ ކްލަބްތަކަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ވެސް ހިމެނެއެވެ. މީގެ އިތުރުން ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ބަޔާން މިޔުނިކްއިން ވެސް ވަނީ ކިއޭސާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީން ކިއޭސާ ހޯދުމަށް 100 މިލިއަން ޕައުންޑް ޚަރަދުކުރުމަށް އޮތީ ތައްޔާރަށެވެ. އެކަމަކު ޔުވެންޓަސްއިން ވެސް އަންނަނީ ކިއޭސާގެ އެއްބަސްވުން ދާއިމީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީން ކިއޭސާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ، އެ ކްލަބްގެ ކޯޗު ތޯމަސް ޓުޗެލްގެ އެދުމުގެ މަތިންނެވެ. އަދި މި ޓްރާންސްފާ މާކެޓުގައި ޗެލްސީގެ އެންމެ ބޮޑު ޓާގެޓަކީވެސް ކިއޭސާއެވެ.
އުމުރުން 23 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގައި ޔުވެންޓަސްއަށް ކުޅެދިން މެޗުތަކުގައި 14 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި ނިމިދިޔަ ޔޫރޯ އިޓަލީން ކާމިޔާބުކުރުމުގައި ކިއޭސާގެ ހިއްސާ ބޮޑެވެ.
އިޓަލީގެ ފްލޮރިންޓީނާއިން ސީނިއަރ ކެރިޔަރު ފެށި ކިއޭސާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 137 މެޗުގައި 26 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި 2018 ވަނަ އަހަރު އިޓަލީގެ ގައުމީ ޓީމުން ކިއޭސާ ޖާގަ ހޯދާފައިވާއިރު، ގައުމީ ޓީމަށް ކުޅެދިން 32 މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހައިފައެވެ.