މުސާރަ ކުޑަ ކުރަން އެއްބަސްވެ، 2026 ވަނަ އަހަރާއި ހަމައަށް ލިއޮނެލް މެސީ ބާސެލޯނާގައި މަޑުކުރަން ނިންމައިފިއެވެ.
މިދިޔަ ޖޫން މަހުގެ ނިޔަލަށް ބާސާއާއިއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، މިއީ 2000 ވަނަ އަހަރު ޅަ އުމުރުގައި ބާސާއަށް ބަދަލުވި ފަހުން މެސީއަށް ބާސާގެ އެއްބަސްވުމެއް ނެތި ދާ ފުރަތަމަ ފަހަރުވެސްމެއެވެ.
އުމުރުން 34 އަހަރުގެ މެސީގެ ސޮއި އަލުން ހޯދުން އެއީ ބާސާގެ ރައީސް ޖޮއާން ލަޕޯޓާގެ އަމާޒެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން މެސީގެ ސޮއި އަލުން ހޯދުމަށް ބާސާއިން އަންނަނީ އެ ޓީމުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންނެވެ. އަދި މި ޓްރާންސްފާ މާކެޓުގައި ބައެއް ކުޅުންތެރިން ވިއްކާލުމަށްވެސް ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވެސް ހިމެނެއެވެ.
އެކަމަކު ސްޕެއިންގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މެސީގެ ބައްޕަ ވަނީ ބާސާގެ ބޯޑާއި ދާދި ފަހުން ބައްދަލުކޮށްފައެވެ. އަދި މުސާރަ ކުޑަކޮށް 2026 ވަނަ އަހަރާއި ހަމައަށް ބާސާގައި މެސީ މަޑުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ބާސާއިން މެސީގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ ސޮއި ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީން ވެސް އަންނަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މެސީ އެންމެ ފަހުން ބާސާގެ އެއްބަސްވުން އާކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ އަގު 555 މިލިއަން ޔޫރޯއަށް އަރާއިރު، އެއްބަސްވުމުގައިވާ ގޮތުން ބޯނަހާއި އެހެނިހެން އާމްދަނީއާއެކު އަހަރެއްގެ މައްޗަށް ބާސާއިން މެސީއަށް 138 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެއެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން މިހާތަނަށް ކުޅުނު 778 މެޗުގައި 672 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.