ދުނިޔޭގެ އެއްމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ 2020 އަށް ހާއްސަކޮށްގެން ރާއްޖެޓީވީ އިން ގެނެސްދިން މައިލޯ ޔޫރޯ ފޯރި ކަވަރޭޖާއި މައިލޯ ޔޫރޯ ފޯރި އެކްސްޓްރާ ޝޯ އިން ހޮވުނު ޕީއެސްފައިވް ނަސީބުވެރިން ނާއި ޕީއެސްފައިވް ހަވާލުކޮށްފިއެވެ.
ރާއްޖެޓީވީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްފައިވް ނަސީބުވެރި ފަރާތްތަކާއި ހަވާލުކޮަށް ދެއްވީ މައިލޯ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މޯލްޑިވްސް ސޭލްސް، ދިޝާން ވިޖެޔަވަރްދެނާ އާއި ރާއްޖެޓީވީގެ ހެޑް އޮފް ކޯޕަރޭޓް ސަރވިސް އައިމިނަތު ރީޝާ އާއި ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދު އަދި ރާއްޖެޓީވީގެ އެސިސްޓެންޓް ނިއުސް ޑިރެކްޓަރ އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒް އެވެ.
ފައިނަލް މެޗުގެ ޕީއެސްފައިވްގެ ނަސީބުވެރި ފަރާތަކީ މުޙައްމަދު ރިއްފަތުއެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗުގެ ނަސީބުވެރި ފަރާތަކީ އާމިނަތު ރޯޒާއެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގެ ނަސީބުވެރި ފަރާތަކި މަރިޔަމް ބަދީހާއެވެ. އަދި ޔޫރޯ ފޯރި އެކްސްޓްރާގެ ފަހު ޝޯވްގެ ނަސީބުވެރި ފަރާތަކީ ޒިޔާން ޒާހިދުއެވެ.
ޕީއެސް ލިބުނު ރިއްފަތު ބުނީ މި އިނާމާއި އެކު އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި މިއީ ވަރަށް ބޭނުންވި އިނާމެއް ކަމަށެވެ. އިނާމް ހޯދުމަށް ވަރަށް ގިނަ އެސްއެމްއެސް ކުރި ކަމަށާއި މި ފަހަރު ޔޫރޯ އާއި ގުޅިގެން ރާއްޖެޓީވީ އިން ގެނެސްދިން ޝޯވތަކަކީ ވަރަށް ބަލާހިތްްވި އަދި ވަރަށް ކަމުދިޔަ ޝޯވަތަކެއް ކަމަށް ރިއްފަތު ބުންނެވެ.
އައިމިނަތު ރޯޒާގެ އިނާމާއި ހަވާލުވި އޭނާގެ ދަރިފުޅު ހަމްމާމް ބިން ޝާހް ބުނީ މިއީ ވަރަށް ބޭނުންވި އިނާމެއް ކަމަށާއި މި އިނާމް ލިބުމުން ވަރަށް އުފާވި ކަމަށެވެ. މި ފަހަރުގެ ޔޫރޯ ޝޯވތައް ރާއްޖެޓީވީ އިން ގެނެސްދިނީ ވަރަށް ފުރިހަމައަށް ކަމަށާއި ގޭތެރޭގައި ވެސް ޝޯވތައް ބެލީ ވަރަށް ފޯރިގައި ކަމަށް ހަމްމާމް ބުންޏެވެ.
ޒިޔާން ޒާހިދުގެ އިނާމާއި ހަވާލުވި އޭނާގެ ފެމެލީ މެމްބަރު މުޙައްމަދު އަބޫބަކުރު ބުނީ މިފަހަރުގެ ޔޫރޯ ޝޯވ އަކީ މިހާތަނަށް އޭނާ ބެލި ކުޅިވަރުގެ އެއްމެ ފުރިހަމަ ޝޯވ ކަމަށާއި ޕީއެސްފައިވް އާއި އެކު އޭނާގެ އާއިލާއަށް ލިބުނު އުފާވެރިކަން ވެސް އެހާ ބޮޑު ކަމަށެވެ.
ޕީއެސްފައިވްގެ ނަސީބުވެރި ބަދިހާ ބުނީ ރާއްޖެޓީވީ އިން ރޯދަމަހު ޓީވިއެއް ނަސީބުން ލިބުމާއި އެކު ޕީއެސް އެސް ހޯދުން އެއީ އެއްމެ ބޮޑު އަމާޒު ކަމުގައި ވެފައިވަނިކޮށް އެކަން ވެގެންދިޔައީ ރާއްޖެޓީވީގެ ޔޫރޯ ޝޯވ އިން ކަމަށާއި ޕީއެސްފައިވް އާއި އެކު ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. ޕީއެސް ހޯދުމަށް ފަސްސަތޭކަ އެސްއެމްއެސް ކުރި ކަމަށާއި ޔޫރޯ އާއި ގުޅިގެން ރާއްޖެޓީވީ އިން ކުރިޔަށްގެންދިޔަ ކޮންމެ ޝޯވ އެއް ވެސް ބެލީ ވަރަށް ޝައުގުވެރިކަމާއި އެކު ކަމަށް ވެސް ބަދީހާ ބުންޏެވެ.
ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދު ވިދާޅުވީ ޔޫރޯ ޝޯވތަކުގައި ޕީއެސްފައިވް ހޯދުމަށް ގިނަ ބަޔަކު އެސްއެމްއެސް ކުރި ކަމަށާއި ޝޯވގެ ޓައިޓަލް ސްޕޮންސަރ މައިލޯގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. ޔޫރޯ ޝޯވތަކުގެ ކާމިޔާބަކީ ބެލުންތެރިންނާއި ސްޕޮންސަރުން ކަމަށާއި އެހެން ކަމުން އެ ހުރިހާ ފަރާތްތަކަށް ރާއްޖެޓީވީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ނާޒްމީ ސައީދު ވިދާޅުވިއެވެ.
ޔޫރޯ ޕްރީޝޯވތައް ގެނެސްދިނުމުގައި ވެސް މަސައްކަތްކުރެއްވި ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ފަރިޔާޒް ވިދާޅުވީ ޔޫރޯ ޝޯވތަކުގައި ބެލުންތެރިންނަށް ހުޅުވާލި ކޮންމެ އިނާމަކަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް އެއްމެ ބޮޑު ތަރުހީބެެއް ލިބިގެންދިޔަ އެއް އިނާމަކީ ޕީއެސްފައިވް ކަމަށެވެ. ފަރިޔާޒް ވަނީ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
މަސް ދުވަހަށް ދިގު ދެމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާއި ގުޅިގެން ރާއްޖެޓީވީން ކުރިޔަށްގެންދިޔަ މައިލޯ ޔޫރޯ ފޯރި ޕްރީ ޝޯވ އާއި މައިލޯ ޔޫރޯ ފޯރި އެކްސްޓްރާ ޝޯވ ގައި ގިނަ އިނާމުތަކެއް ވަނީ ދީފައެވެ. އަދި އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް މި ޝޯވތަކަށް ވަނީ ލިބުގެން ގޮސްފައެވެ.