ކ. މާލެ
|
14 ޖުލައި 2021 | ބުދަ 00:03
ޖަކާޓާގައި އޮކްސިޖަން އުފައްދާ ފެކްޓަރީއެއް ކައިރީގައި މީހުންތަކެއް، އޮކްސިޖަން ރީފިލް ކުރުމަށް ކިޔު ހަދައިގެން
ޖަކާޓާގައި އޮކްސިޖަން އުފައްދާ ފެކްޓަރީއެއް ކައިރީގައި މީހުންތަކެއް، އޮކްސިޖަން ރީފިލް ކުރުމަށް ކިޔު ހަދައިގެން
ރޮއިޓަރސް
ކޮވިޑް-19، އިންޑޮނޭޝިޔާގެ ހާލަތު
އިންޑޮނޭޝިޔާގައި ކޮވިޑް ކޭސްތައް ރިކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު އޮކްސިޖަންއަށް ޖެހިފައި
އަންގާރަ ދުވަހު އެގައުމުން 47،899 މީހުންނަށް ވަނީ ކޮވިޑް ޖެހިފައި
އިންޑޮނޭޝިޔާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 2.6 މިލިއަނަށް ވަނީ އަރާފައި

އިންޑޮނޭޝިޔާގައި އަންގާރަ ދުވަހު ރިކޯޑް މިންވަރަކަށް ކޮވިޑް ކޭސްތައް ފެނިއްޖެއެވެ.

ޑެލްޓާ ވޭރިއަންޓާއެކު އިންޑޮނޭޝިޔާގެ ހާލަތު ގޯސްވެފައިވާއިރު އެގައުމު ވަނީ އޮކްސިޖަންއަށް ވެސް ޖެހިފައެވެ. އަންގާރަ ދުވަހު އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދިޔާ އޮކްސިޖަނާއި، ކޮންސެންޓްރޭޝަންސް ބޭރު ގައުމުތަކުން ގެނައުމަށް އޯޑަރުކުރުމުގައި ގެންގުޅޭ ޕްލޭން ހާމަކޮށްފައެވެ.

އިންޑޮނޭޝިޔާގެ ސިއްހީ ޚިދުމަތްދޭ ގިނަ ތަންތަން ކޮވިޑްގެ ބަލި މީހުންނައިގެން ފުރިފައިވާއިރު، ދެން ދިމާވެފައިވާ އަނެއް މައްސަލައަކީ އޮކްސިޖަން ލިބުމުގައި ދިމާވެފައިވާ ދަތިތަކެވެ. އެއާއެކު އެގައުމުގެ ސިއްހީ ނިޒާމަށް ވަނީ މިއިން ދުވަހަކު ނުވާވަރަށް ބާރު ބޮޑުވެފައެވެ.

އިންޑޮނޭޝިޔާގެ ކޮވިޑް ޓާސްކް ފޯރހުން އިއުލާންކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އެގައުމުން 47،899 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މިއީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ކޭސްތައް މިގޮތަށް މައްޗަށް ދިޔަ 6ވަނަ ދުވަހެވެ. އިންޑޮނޭޝިޔާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 2.6 މިލިއަނަށް ވަނީ އަރާފައެވެ.

މީހުން ގިނަ، ބައިބޯ ސަރަހައްދުތައް ކަމުގައިވާ ޖާވާ އައިލެންޑްގައި ވަނީ މެޑިކަލް އޮކްސިޖަނަށް ޑިމާންޑް ބޮޑުވެފައެވެ. އަދި އެސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފައްދަމުން އަންނަ 1700 ޓަނަށް ވާވަރަށްވުރެ ގިނައިން މިހާރު އޮކްސިޖަން ވަނީ ބޭނުންފައެވެ.

ހެލްތު މިނިސްޓަރ ބުޑި ގުނަޑާއި ސަޑިކިން ވިދާޅުވީ ކުރިން ބޭނުންވަނީ ދުވާލެއްގެ މައްޗަށް 400 ޓަނު ކަމުގައި ވިޔަސް މިހާރު އެއަދަދު ދުވާލަކަށް 2000 ޓަނަށް މައްޗަށް ޖެހިފައިވާކަމަށެވެ.

އަނެއްކޮޅުން ޖަކާޓާ އާއި ހުޅަނގު ޖާވާގެ ޕްރޮވިންސްތައް ހިމެނޭ ގޮތަށް 9 ޕްރޮވިންސެއްގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ 80 އިންސައްތައަށް އަރާފައެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ވަރަށް އެނދު ނެތުމުގެ ސަބަބުން ބައެއް މީހުން އަމިއްލައަށް އައިސޮލޭޓްވެގެން ތިއްބާވެސް ވަނީ މަރުވެފައެވެ. އިންޑޮނޭޝިޔާގެ އަމިއްލަ ޑާޓާ ގްރޫޕަކުން ބުނެފައިވަނީ އެގޮތަށް 453 މީހުން ޖޫން މަހުން ފެށިގެން މިހާތަނަށް އައިއިރު މަރުވެފައިވާކަމަށެވެ.

އެމެރިކާއިން 40،000 ލިކުއިޑް އޮކްސިޖަނާއި 40،000 ކޮންސެންޓްރޭޝަން އިންޑޮނޭޝިޔާއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޗައިނާއިންނާއި ޖަޕާނުންވެސް އޮކްސިޖަން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް