ފްރެންޗް އޯޕަންގައި މިފަހަރު ވާދަނުކުރަން ދުނިޔޭގެ ފަސްވަނަ އަށް ރޭންކުކޮށްފައިވާ ރޮޖާ ފެޑެރާ ނިންމައިފި އެވެ.
ބަޔާނެއް މެދުވެރިކޮށް ސްވިޒަލޭންޑަށް ނިސްބަތްވާ ފެޑެރާ ފްރެންޗް އޯޕަންގައި ވާދަނުކުރާނެކަން އިއުލާންކޮށްފައިވާއިރު، އޭނާ ބުނީ އެންމެ އިވެންޓެއް ކްލޭގައި ކުޅުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން މިއީ ފިޒިކަލީ ވެސް ރަނގަޅުކަމެއް ނޫން ކަމަށް ފެޑެރާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ފެޑެރާ ބުނީ ފްރާންސްގައި ތިބި އޭނާގެ ސަޕޯޓަރުން މަތިން ވަރަށް ހަނދާންވާނެ ކަމަށާއި، އެހެންނަމަވެސް ރޮނަލްޑް ގަރޮސް އިން އަންނަ އަހަރު ފެންނާނެ ކަމަށެވެ.
Unfortunately, I won't be playing @rolandgarros this year. I'll miss my fans in France, but appreciate your support https://t.co/vRcb4SvQga
— Roger Federer (@rogerfederer) May 15, 2017
ފްރެންޗް އޯޕަންގައި 1999 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ފެޑެރާ އެ މުބާރާތުގައި އެންމެ ފުރަތަމަ ވާދަނުކުރީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު އޭނާ އަށް މުބާރާތުގައި ވާދަނުކުރެވުނީ ދިމާވި އަނިޔާއަކާ ގުޅިގެންނެވެ.
މި ސީޒަނުގައި މިހާތަނަށް ތިން ތަށި އުފުލާލާފައިވާ ފެޑެރާ ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން 2009 ވަނަ އަހަރު ހޯދާފައިވާއިރު، ހަތަރު ފަހަރެއްގެ މަތިން އޭނާ ވަނީ މުބާރާތުގެ ދެވަނަ ހޯދާފައެވެ.
ފެޑެރާއަކީ ތަފާތު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ފަސް ތަށި ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަސް އޮސްޓްރޭލިއަން އޯޕަން، ފަސް ޔޫއެސް އޯޕަން އަދި ހަތް ވިމްބެލްޑަންސް ކާމިޔާބުކޮށްފައެވެ.
ފްރެންޗް އޯޕަންގެ ކުޅުން މި މަހު 28 ވަނަ ދުވަހު ފަށާނެއެވެ.