ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ ކެޕްޓަން ޖޯން ޓެރީ ބުނެފި އެވެ.
ވަޓްފޯޑް އަތުން 3-4 ގެ ނަތީޖާއިން ޗެލްސީ މޮޅުވި މެޗަށް ފަހު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޓެރީ ބުނީ އޭނާއަކީ އަބަދުވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި، އެ ދޮރު ބަންދުކުރަން ދުވަހަކު ވެސް ބޭނުންނުވާ ކަމަށެވެ.
އެގޮތުން އޭނާ ބުނީ މި ސީޒަނަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލާނެކަން ޓެރީ އިއުލާންކޮށްފައިވާއިރު، އޭނާ ކުރިޔަށް އޮތް ސީޒަނުގައި އެމެރިކާ ލީގުން ފެންނާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.
ޗެލްސީގެ އެކަޑަމީއިން ކެރިއަރު ފެއްޓި ކެޕްޓަން ޖޯން ޓެރީ ވަނީ ފާއިތުވި 22 އަހަރުގެ ތެރޭގައި، އެކުލަބާއެކު، ފަސް ފަހަރު އިނގިރޭސި ޕްރިމިއާ ލީގާއި، ފަސް ފަހަރު އެފްއޭ ކަޕާއި، ތިން ލީގު ކަޕާއި، ޔޫރޮޕާ ލީގާއި، ޔޫއެފާ ޗެމްޕިއަންސް ލީގު އުފުލާލާފައެވެ.
ޗެލްސީއަށް ޓެރީ ކުޅުނު ޖުމްލަ 715 މެޗުގެ ތެރެއިން 578 މެޗު ކުޅެފައި ވަނީ ކެޕްޓަން ބޭންޑް އަޅައިގެންނެވެ. ޗެލްސީއަށް 2،000 ވަނަ އަހަރު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޓެރީވަނީ މިހާތަނަށް ޖުމްލަ 66 ލަނޑު ޖަހައިދީފައެވެ
އިނގިރޭސި ވިލާތަށް އުފަން އުމުރުން 36 އަހަރުގެ ކެޕްޓަން ޖޯން ޓެރީ، މިސީޒަނުގައި ޗެލްސީއަށް ކުޅެފައިވަނީ 10 މެޗެވެ. ބޭރުގެ ބައެއް މީޑިއާ ރިޕޯޓަތައް ބުނާގޮތުގައި ޓެރީ ދެން އެންމެ ފެނުން ގާތީ އެމެރިކާ ލީގުގެ ކުލަބަކުންނެވެ.