ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 00:13
އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން ކީޕަރުގެ މޫނަށް ލޭޒަރ އަލި އަޅުވާފައި
އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން ކީޕަރުގެ މޫނަށް ލޭޒަރ އަލި އަޅުވާފައި
ގެޓީ އިމޭޖަސް
އިންގްލެންޑްގެ އެފްއޭއަށް އަދަބު ދިނުން
ޑެންމާކުގެ ކީޕަރުގެ މޫނަށް އަލިއެޅުވި މައްސަލާގައި އިންގްލެންޑަށް ބޮޑު އަދަބެއް
ފަޓާސް ގޮއްވުމާއި ގައުމީ ސަލާމަށް ހުރަސްއެޅުމުގެ ކުށަށްވެސް ވަނީ އަދަބުދީފައި
އިނގިރޭސި އެފްއޭ ވަނީ 30 ހާސް ޔޫރޯއިން ޖުރިމާނާކޮށްފައި

ޔޫރޯ 2020 ގެ ސެމީ ފައިނަލްގައި ޑެންމާކް އަތުން 2-1ން އިންގްލެންޑް މޮޅުވި މެޗަށް ފަހު އެންމެން ދައްކަން ފެށި ވާހަކައަކީ އިންގްލެންޑް މޮޅުވި ލަނޑު ޖަހަން ކެޕްޓަން ހެރީ ކޭން ދިޔަ ވަގުތު ޑެންމާކުގެ ކީޕަރު ކެސްޕަރ ޝުމައިކަލްގެ މޫނަށް ކޮންމެވެސް މީހަކު ލޭޒަރ އަލި އެޅުވި ވާހަކައެވެ.

ކީޕަރު ޝުމައިކަލްގެ މޫނަށް ލޭޒަރ އަލި އަޅުވައި އޭނާއަށް ފުރައްސާރަ ކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔުއޭފާއިން ނިންމީ އެއީ ހިނގާފައިވާ ހާދިސާއެއް ކަމަށާއި އެކަމުގެ ޒިންމާ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އުފުލަން ޖެހޭނެ ކަމަށެވެ. އެކަންކުރީ ސްޓޭޑިއަމަށް ވަދެ ތިބި އިންގްލެންޑުގެ ސަޕޯޓަރުންގެ ތެރެއިން މީހެެއް ކަމުގައެވެ. އެހެންވީމާ މިކަމުގެ އަދަބެއްގެ ގޮތުން ޔުއޭފާއިން ވަނީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން 30 ހާސް ޔޫރޯއިން ޖުރިމާނާކޮށްފައެވެ.

ޑެންމާކުގެ ކީޕަރުގެ މޫނަށް ލޭޒަރ އެޅުވުމުގެ އިތުރަށް މެޗު ފެށުމުގެ ކުރިން ޑެންމާކުގެ ގައުމީ ސަލާން ކުޅެވުނު ވަގުތު އިނގިރޭސި ސަޕޯޓަރުން ވަނީ އަޑުގަދަކޮށްފައެވެ. އަދި ސްޓޭޑިއަމްތެރޭގައި ފަޓާސް ގޮއްވުންފަދަ އަމަލުތައް ވެސް ހިންގާފައިވެއެވެ. ޔުއޭފާގެ ޑިސިޕްލިނަރީ ކޮމިޓީން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން ޖުރިމާނާކުރީ މިކަންކަމަށްވެސް ރިއާޔަތްކޮށް މި ތިން ކަންތަކުގައިވެސް އިނގިރޭސި އެފްއޭ ޒިންމާވާން ޖެހޭނެ ކަމަށް ބުނެފައެވެ.

ޑެންމާކުގެ ކީޕަރު ކެސްޕަރ ޝުމައިކަލަކީ އިނގިރޭސި ސަޕޯޓަރުންނަށް އާމޫނެއް ނޫނެވެ. އިނގިރޭސި ލީގުގައި ލެސްޓަރ ސިޓީއަށް އޭނާ ކުޅޭތާ އެތައް އަހަރެެއް ވަނީ ވެފައެވެ. ޝުމައިކަލް ބުނެފައިވަނީ މޫނަށް ލޭޒަރ އަލި އެޅުވުމުން ރެފްރީގެ ސަމާލުކަމަށް އެކަން ގެނައި ކަމަށެވެ. ކީޕަރުގެ މޫނަށް ލޭޒަރ އެޅުވިޔަސް އޭނާ ވަނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ޕެނަލްޓީ މަތަކޮށްފައެވެ. އެކަމަކު މަތަކުރި ބޯޅަ ހެރީ ކޭނަށް އަލުން ލިބުމުން އޭނާ ވަނީ ދެވަނަ ފަހަރު އެބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައި އިންގްލެންޑަށް ކުރި ހޯދާދީފައެވެ.

މުބާރާތްތައް ހިނގަމުންދާއިރު ގައުމީ ސަލާމުގެ ތެރޭގައި އަޑުގަދަކޮށް ހެދުމަކީ ވަރަށް ގިނަ ގައުމުތަކުގައި އާއްމު ކަމެކެވެ. އިންގްލެންޑުގެ ގައުމީ ޓީމު އެހެން ގައުމުތަކުގައި ކުޅޭއިރު އެގައުމުތަކުގެ ސަޕޯޓަރުންވެސް އިންގްލެންޑުގެ ގައުމީ ސަލާމަށް ޖޯކު ޖަހައި އަޑުގަދަ ކުރެއެވެ. ޚާއްސަކޮށް ގޯޑް ސޭވް ދަ ކުއީންއޭ ކިޔާ ތަންކޮޅު އަންނައިރު ވަކިން ބޮޑަށް އަޑުގަދަ ކުރެއެވެ.

ޔޫރޯގެ ފައިނަލްގައި އިޓަލީއާއި އިންގްލެންޑު ކުޅޭ މެޗުގެ ކުރިން އިޓަލީގެ ގައުމީ ސަލާން ކުޅޭއިރު އަޑުގަދަކޮށް ޖެއްސުން ކުރުމަށްވެސް އިނގިރޭސި ސަޕޯޓަރުންގެ ތެރެއިން ބައެއް މީހުން ވަނީ ނިންމާފައެވެ. އެއީ އިޓަލީގެ ސަޕޯޓަރުން އިޓަލީގައި އިންގްލެންޑާ ދެކޮޅަށް އެކަން ކޮށްފައިވާތީ ރައްދުގައި ކުރާ ކަމެކޭވެސް ބުނެއެވެ. އެކަމަކު އެގޮތަށް އަމަލު ނުކުރުމަށް އިންގްލެންޑުގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން ވަނީ އެދިފައެވެ.

- ކޮމެންޓް